ވ. އަތޮޅު އަލިމަތިމާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ނުރައްކާތެރި ކޭވްއަކަށް ފީނަން ގޮސް އުޅެނިކޮށް މިދިޔަ މަހު މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ހަށިތައް ރިކަވަރ ކުރަން ހިންގި ޑައިވް އޮޕަރޭޝަންގައި ބައިވެރިވި ދިވެހި ފުލުހުންނާ ދިވެހި ސިފައިންގެ އަގު ވަޒަން ކުރައްވައިފިއެވެ.  

އޮޕަރޭޝަންގައި ބައިވެރިވި ސިފައިންނާއި ފުލުހުންގެ އަގުވަޒަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން ބައިވެރިވެވަޑައިގަތީ ހޯމް މިނިސްޓަރު އަލީ އިޙްސާނާއި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދެވެ.

 

ބަންޑާރަކޮށީގައި މިއަދު ބޭއްވި އެ ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

  ރަސްމިއްޔާތުގައިވަނީ ވ . އަތޮޅުގެ ޑައިވިން އޮޕަރޭޝަންގައި ބައިވެރިވި ފުލުހުންނާއި ސިފައިންގެ އަގުވަޒަންކޮށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެ ހުރިހާ ޑައިވަރުންނަށް ހަނދާނީ ލިޔުން ހަވާލުކުރައްވާފައެވެ.   މި އޮޕަރޭޝަނުގެ ތެރެއިން ފަތުރުވެރިން ހޯދުމަށް ފީނަން ގޮސް އުޅުނު ސިފައިންގެ މީހަކުވެސް ނިޔާވެފައިވާއިރު، އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދެއެވެ. އެ ހާދިސާގައި ނިޔާވެފައިވަނީ އެމްއެންޑީއެފް ކޯސްޓް ގާޑުގެ ސްޓާފް ސާޖަންޓް، މުޙައްމަދު މަހުދީއެވެ.