ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އިންތިޒާމުކޮށްގެން ބޭއްވި މުޅި ރާއްޖެއަށް ހުޅުވާލި ފަރުމަސް މުބާރާތުގެ އެއްވަނަ ބ. ތުޅާދޫގެ 'ދޮން އިސްމާޢީލް' ޓީމުން ކާމިޔާބުކޮށްފިއެވެ. ޖުމްލަ 109 ޓީމަކުން ވާދަކުރި މި މުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް މިހާރު ވަނީ ފައިސާގެ އިނާމުތައް ހަވާލުކޮށްފައެވެ. މި މުބާރާތުގެ މުޅި ރާއްޖޭގެ ވަނަތަކަށް ބަލާއިރު، އެއްވަނަ ހޯދި ބ. ތުޅާދޫ 'ދޮން އިސްމާޢީލް' ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. ދެވަނައަށް ދިޔަ ޏ. ފުވައްމުލަކު 'މެޖިކްލީން' ޓީމަށް 25,000 ރުފިޔާ ލިބުނުއިރު، ތިންވަނަ ހޯދި ތ. ހިރިލަންދޫ 'ކަޅަކައުންޑު' ޓީމަށް ވަނީ 20,000 ރުފިޔާ ދީފައެވެ. މީގެ އިތުރުން މުޅި މުބާރާތުން އެންމެ ބަރު މަސް ބޭނި ފަރާތަކަށް ހޮވުނީ ބ. ތުޅާދޫ ޓީމުގެ މުހައްމަދު ހާބީބް ރިޔާޒްއެވެ. އޭނާ ވަނީ 50.65 ކިލޯގެ މަހެއް ބާނައިގެން 5,000 ރުފިޔާގެ އިނާމެއް ހޯދާފައެވެ. ގްރޭޓަރ މާލެ ސަރަހައްދުން ބައިވެރިވި 18 ޓީމުގެ ތެރެއިން އެއްވަނަ ހޯދީ 'ޗިލް ބްރޯޒް' އެވެ. އެ ޓީމަށް 15,000 ރުފިޔާގެ އިނާމެއް އެޗްޑީސީގެ ފަރާތުން ދީފައިވެއެވެ. ދެވަނައަށް ދިޔަ 'އެންޒީ މޯލްޑިވްސް' އަށް 10,000 ރުފިޔާ އަދި ތިންވަނަ 'ސިލްވަރ ގްރަންޓަރ' އަށް 5,000 ރުފިޔާ ލިބިފައިވެއެވެ. މާލެ ސަރަހައްދުން އެންމެ ބަރު މަސް ބޭނީ 'އޭވިއަން' ޓީމުގެ ކިޔާން އަލްވީއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގައި ސްޕޯޓްސް ފިޝިންއަށް އޮތް ތަރުހީބު ބޮޑުވަމުންދާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކޮންމެ އަހަރަކުވެސް މުޅި ރާއްޖެއަށް ހުޅުވާލައިގެން މިފަދަ މަސްރޭހެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. "މިރާއްޖޭގައި މިހާރު ސްޕޯޓްސް ފިޝިން ކޮމިޔުނިޓީ ހިއްސާކުރާ އިންސައްތަ ބޮޑުވަމުން ދާތީ މިކަހަލަ އިވެންޓްތައް ގިނަކުރުމަށް އަބަދުވެސް ރިކުއެސްޓް އާދޭ،" ވަޒީރު ވިދާޅުވިއެވެ. މިފަދަ ހަރަކާތްތަކުގެ މައިގަނޑު މަގްސަދަކީ މުޖުތަމައުގެ މެދުގައި ކަނޑުފަޅުތަކަށް އޮންނަ ލޯބި އިތުރުކޮށް، އެ ވަސީލަތްތައް ރައްކާތެރިކުރުމުގެ ރޫހު އާލާކުރުން ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
ފަރުމަސް މުބާރާތުގެ ޗެމްޕިއަންކަން ތުޅާދޫ ދޮން އިސްމާޢީލް ޓީމަށް، އިނާމަކަށް 30 ހާސް ރުފިޔާ!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.