ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އދ. އިން ފާހަގަކުރާ ބައިނަލްއަޤްވާމީ ޕަބްލިކް ސަރވިސް ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ދައުލަތުގެ ޚިދުމަތްތެރިންނަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމައުގެ ކުރިއެރުމަށް ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ބައެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި އެ ފަރާތްތަކުން އަދާކުރާ ދައުރު ރައީސް ފާހަގަކުރެއްވިއެވެ. ދައުލަތުގެ މުވައްޒަފުން ކުރައްވާ މިންނަތް މަސައްކަތުގެ އަގު ވަޒަންކުރައްވަމުން ރައީސް މުޢިއްޒު ވަނީ، އާންމުންގެ ލާބަޔާއި މަންފާއަށްޓަކައި އެއްވެސް ފަސްޖެހުމެއްނެތި ޚިދުމަތް ދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ އިތުރުން މުއައްސަސާތަކުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުން އިސްކަންދޭ ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަހު ފާހަގަކުރާ ޕަބްލިކް ސަރވިސް ދުވަހަކީ، ޚިދުމަތްތެރިންގެ މަސައްކަތް ދެނެގަނެ، އެ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ކަނޑައަޅާފައިވާ ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދުތަކުގެ ތެރޭގައި، ޤައުމީ ތަރައްޤީގައި ދައުލަތުގެ މުވައްޒަފުންގެ ހިއްސާ ފާހަގަކުރުމުގެ އިތުރުން، ސަރުކާރުގެ އެކި ދާއިރާތަކުން ޒުވާނުންނަށް ފުރުސަތު ހޯދައިދީ، ޚިދުމަތުގެ ދާއިރާއަށް ޒުވާނުން ނުކުތުމަށް ހިތްވަރު ދިނުން ހިމެނެއެވެ.
ދައުލަތުގެ މުއައްސަސާތައް ހަރުދަނާ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ދާނެ: ރައީސް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.