ދިވެހި ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން މަސައްކަތްކުރާ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ދެމެހެއްޓުމަކީ މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ފުލުހުންގެ މައި މަރުކަޒު، ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެންބަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުމުގައި ހޯމް މިނިސްޓަރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ އިތުރުން ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ ފުލުހުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއި، މުއައްސަސާގެ ހިންގުން ހަރުދަނާކޮށް، ކަނޑައަޅާފައިވާ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މުޅި ރާއްޖެއަށް ފުލުހުންގެ ޚިދުމަތް ފުޅާވަމުންދާއިރު، އިދާރީ ހިންގުން ހަރުދަނާކުރުމުގައި އެގްޒެކެޓިވް ބޯޑުން އަދާކުރާ ދައުރު ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސަސާއަކަށް ވުމަށްޓަކައި ރައްޔިތުންގެ ބޭނުންތަކަށް އިސްކަންދިނުމުގެ މުހިންމުކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ. މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އާއި ބޯޑުގެ މެންބަރުން ވަނީ ރާއްޖޭގެ އަމަންއަމާންކަން ގާއިމުކުރުމާއި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ސާބިތުކަމާއެކު ދެމިތިއްބަވާނެ ކަމުގެ ޔަގީންކަން ރައީސަށް އަރުވާފައެވެ. އަދި ފުލުހުންގެ ސްޓްރެޓީޖިކް މަގުސަދުތައް ހާސިލުކުރުމަށް ފުރިހަމައަށް މަސައްކަތްކުރާނެ ކަމަށްވެސް އެ ބޭފުޅުން ވިދާޅުވިއެވެ. ފުލުހުންގެ މުއައްސަސާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކުރުމުގެ ގޮތުން ދާދިފަހުން ވަނީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ތަހުގީގީ ދާއިރާއާއި، އިންޓެލިޖެންސް، ފޮރެންސިކް، އަދި ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތައް ވަނީ ވަކިވަކި ކޮމާންޑްތަކެއްގެ ދަށުން ތަރުތީބުކުރެވި، ޚިދުމަތުގެ ފެންވަރު މަތިކުރުމަށް އަމާޒު ހިފާފައެވެ.