ފޮއްދޫގައި ޢިމާރާތްކުރާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް ހާމަކޮށްފިއެވެ.   މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓިސީސީ) އިން މީސްމީޑިޔާގައި ކުރައްވާފައިވާ ޕޯސްޓެއްގައި ހާމަ ކުރައްވާފައިވާ ގޮތުގައި، ފޮއްދޫގައި އިމާރާތްކުރާ އެ ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަލުވި ކަމާ އެކު ކުރިއަށްދާ ކަމަށާ، މިހާރު ކުރިއަށް ދަނީ ފައުންޑޭޝަން ބީމްތަކުގެ ރީއިންފޯސްމަންޓް އަދި ފޯމްވޯކް އެޅުމުގެ މަސައްކަތް ކަމަށެވެ.   އެމްޓީސީސީއާއި ހަވާލުކުރެވިގެން ފޮއްދޫގައި އިތުރު ޕްރޮޖެކްޓުތައް ވެސް ދަނީ ހިންގަމުންނެވެ. އެގޮތުން އާބާދީގެ ގޮތުގައި 344 މީހުން ދިރިއުޅޭ ފޮއްދޫގައި އެ ކުންފުނިން ހިންގާ 6 މަޝްރޫއުއެއް ހިމެނެއެވެ. އޭގެތެރޭގައި:

  • ފޮއްދޫގައި ޕޮލިސް ޕޯސްޓެއް ބިނާކުރުން
  • ހެލްތު ސެންޓަރަށް ދެ ބުރީގެ އާ އިމާރާތެއް އިތުރުކުރުން
  • އައްޓްޑޯ ޖިމެއް ތަރައްގީ ކުރުން
  • އެއް ބުރީގެ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރެއް ތަރައްގީ ކުރުން
  • އަދި ކުޑަކުދިންގެ ޕާކެއް ތަރައްގީ ކުރުމުގެ އިތުރުން ރަށުގެ ބަނދަރު ތަރައްގީ ކުރުން ހިމެނެއެވެ.

  ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން، މިއަހަރު ނިމުމުގެ ކުރިން  ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް އެޅުމަކީ ސަރުކާރުގެ އަމާޒެކެވެ.   އެމްޓީސީސީން، ވޭތުވެދިޔަ 44 އަހަރުތެރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ކާމިޔާބުކަމާއެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.