1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ސަންޕާ ސަރަޙައްދުގައި ސެޓިފައިޑް ގައިޑުންގެ އަދަދު 636!

main_20260626_142046
ސަމްޕާ ސަރަހައްދުގެ ފޮޓޯއެއް: ފޮޓޯ: ތިމާވެއްޓާ ބެހޭ ވުޒާރާ
މަރިޔަމް އަފީފާ
225ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަރިއަތޮޅު ދެކުނުބުރީގައި ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްފައިވާ "ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ" (ސަންޕާ) ސަރަޙައްދަށް ޚާއްޞަ ގައިޑުންގެ އަދަދު 636އަށް އަރައިފިއެވެ.

އެ ސަރަޙައްދަށް ޚާއްޞަ ގައިޑުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ދަށުން، އިތުރު 12 ބައިވެރިއަކު ގައިޑަކު ވަނީ އިމްތިހާނު ފުރިހަމަކޮށްފައެވެ.

ސަންޕާ ސަރަޙައްދުގެ ފަރުތަކާއި އޮއިވަރު ހުންނަގޮތުން ގިނަ އަދަދަކަށް ޕްލޭންކްޓަން ޖަމާވުމުގެ ސަބަބުން، ދުނިޔެއިން ނެތިދިއުމުގެ ބިރުހީވެފައިވާ ފެހުރިހި، އޭގެ ކާނާ ހޯދުމަށާއި ހަށިގަނޑުގެ ފިނިހޫނުމިން ރެގިއުލޭޓްކުރުމަށްޓަކައި އަހަރުގެ ހުރިހާ މޫސުމެއްގައިވެސް އެ ސަރަޙައްދަށް ތިލަވާއިރު، އެމަންޒަރުތަކުގެ ގުދުރަތީ ރީތިކަން ބަލާލުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފަތުރުވެރިން ކޮންމެ ދުވަހަކުވެސް އެ ސަރަޙައްދަށް ޖަމާވެއެވެ.

300 × 250

ދުވާލަކު އެތައް ބަޔަކު ސްނޯކަލްއިންނާ ޑައިވިނަށް އެ ސަރަހައްދަށްދާއިރު، ސަރަޙައްދުގައި ހަރަކާތްތެރިވާ އުޅަނދުފަހަރާއި މީހުން ގިނަވުމުގެ ސަބަބުން ފަހުގެ ތާރީޚެއްގައި ހިތާމަވެރި ހާދިސާތަކެއް ހިނގާފައިވެއެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުގެ ގާތްގަނޑަކަށް %70 ފެހުރިހީގައި އުޅަނދުފަހަރުގެ ބުރަފަތިން ޖެހި އަނިޔާ ލިބިފައިވާ ކަމަށެވެ.

އެހެެންކަމުން، މިފަދަ ކަންކަން ހައްލުކޮށް، އެ ސަރަޙައްދު ހަރުދަނާގޮތެއްގައި ބެލެހެއްޓުމަށްޓަކައި ސަރުކާރުން މިހާރު ވަނީ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލާފައެވެ. މި ޕްލޭންގެ ދަށުން، ސަންޕާ ސަރަޙައްދަށް ފަތުރުވެރިން ގެންދެވޭނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދޫކުރާ "ސަންޕާ ގައިޑް ސެޓްފިކެޓް" ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. މި ޕްލޭންގައި ގައިޑުންގެ އިތުރުން، އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިންވެސް އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ.

ސަންޕާ ގައިޑަކަށްވެވޭނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ދޫކުރާ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ފަރާތްތަކަށްކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާއިބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން މެނޭޖްމަންޓް ޕްލޭނާއެކު އެސަރަހައްދަށް ފަތުރުވެރިން ގެންދެވޭނީ ސަންޕާ ގައިޑް ސެޓްފިކެޓް ލިބިފައިވާ ސަންޕާ ގައިޑުންނަށްކަމަށް ވަނީ ބާޔާންކޮށްފައެވެ. އެ މަސައްކަތުގެ ދަށުން އެސަރަހައްދުގައި ހަރަކާތްތެރިވާ ގައިޑުން ސެޓިފައިޑްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ސެޓިފައިޑް ގައިޑަކަށް ވުމުގެ އިމްތިހާނު ކޮންމެ ބުދަ ދުވަހަކު މާލެ އަދި އދ. މާމިގިލީގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިމްތިހާނުން ފާސްވުމަށް %75 އަށްވުރެ މަތިން މާކްސް ހޯދަންޖެހޭއިރު، އިމަޖެންސީ ފަސްޓް ރެސްޕޮންސް ފުރިހަމަކޮށްފައިވުމާއި، ރެސްކިއު ޑައިވަރ ނުވަތަ ލައިފްގާޑް ފަދަ ސެޓިފިކެޓެއް އޮތުން ލާޒިމްވެއެވެ.

މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ޒުވާނުންނަކީ ފަންނީ ގޮތުން ގާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މުހިންމު މަސައްކަތެކެވެ. އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން SAMPa@environment.gov.mv އަށް އީމެއިލް ކުރުމަށް އެ ވުޒާރާއިން އިލްތިމާސްކުރައްވައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި