މާލޭގެ ބޭރުމަގު ނުވަތަ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް ކުރިއަށްގެންދާ ބިޔަ މަޝްރޫޢު ނިމުމާއެކު، މާލެއަށް ދިމާވެފައިވާ ޕާކިންގެ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި މާލޭގެ މަގުތަކުގައި މައިގަނޑު ތިން މައްސަލައެއް އެބައޮތެވެ. އެއީ މަގުތަކުގެ ފެންވަރު ދަށްވުމާއި، ފެންބޮޑުވުމުގެ އިތުރުން ޕާކު ކުރާނެ ޖާގަ ނެތުމެވެ. މި މައްސަލަތަކަށް ހައްލު ހޯދުމުގެ ގޮތުން ބޮޑުތަކުރުފާނުމަގުގެ އުތުރު ފަރާތުން ބައެއް ހިއްކައިގެން، ދެކޮޅަށް ދުއްވޭ ފެންވަރު ރަނގަޅު ތާރު މަގަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ބާރުސްޕީޑުގައި ކުރިއަށެވެ. މިހާރު ކުރިއަށްދަނީ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮތް ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތެވެ. "އަޅުގަނޑު ޤަބޫލުކުރަނީ މިހާރު ހަދަމުން މިދާ ބައި ނިމިގެންދިޔައީމަ، ލިންކު ރޯޑުގެ ވަރަށް ބޮޑުބައި ނިމުނީކަމަށް. މިބައި ނިމުނީމަ ދެން އޮތްބައި ފަށާނީ،" ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ދަށުން އަލަށް ތަރައްޤީކުރާ ސަރަޙައްދުގައި 500 ސައިކަލު ޕާކު ކުރެވޭނެ ޖާގަ ހިމެނޭނެއެވެ. މިއީ އެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، އާންމުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެއްކަން ސަރުކާރުން ފާހަގަކުރެއެވެ. މީގެ އިތުރުން، ބޭރުމަގު ޒަމާނީ ފެންވަރަށް ނިމުމުން، މާލޭގެ އެތެރޭގެ މަގުތަކަށް ބާރުބޮޑުވާ މިންވަރު ކުޑަވެގެންދާނެއެވެ. ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޕާކިން އިމާރާތްތައް އެޅުމުގެ މަސައްކަތް ލަސްވަނީ ބޭރުގެ ލޯނު ހަމަޖެހުމުގައި ހުރި ދަތިތަކަކާ ހުރެކަން ރައީސް ހާމަކުރެއްވިއެވެ. ނަމަވެސް، ހަމައެކަނި ލޯނަށް ބަރޯސާނުވެ، ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެންވެސް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިގޮތުން ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުގައި ޕާކިން އިމާރާތް އެޅުމަށް މިހާރު ވެސް ބައެއް ފަރާތްތަކާ ހަވާލުކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީކޮށް ނިމުމުން ޕާކިންގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.