ދިވެހި ފަންނުވެރިންގެ އުފެއްދުންތަކަށް ޚާއްސަކޮށްގެން ތައާރަފްކުރި "ކްރިއެޓޯލް" ޕްލެޓްފޯމަކީ ކްރިއޭޓިވް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އާމްދަނީ އިތުރުކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ވިޒިޓް މޯލްޑިވްސްއިން އިސްނަގައިގެން ތަރައްޤީކުރި މި ޑިޖިޓަލް މާކެޓްޕްލޭސް އިފްތިތާހުކުރުމަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައެވެ. ވިޒިޓް މޯލްޑިވްސްއިން ފަރުމާކޮށްފައިވާ މި ޕްލެޓްފޯމަކީ ރާއްޖޭގެ ވިޝުއަލް އަދި ސަގާފީ މަސައްކަތްތައް އެއް ފުރާޅެއްގެ ދަށުން ދައްކާލުމަށް އުފެއްދި ޤައުމީ ފެންވަރުގެ ވަސީލަތެކެވެ. މި މާކެޓްޕްލޭސް މެދުވެރިކޮށް ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ވެރިފައިޑް ޕްރޮޕައިލްތައް ހަދައި، އެމީހުންގެ ފޮޓޯއާއި ވީޑިއޯ ފަދަ ތަކެތި އަމިއްލަ މިލްކުވެރިކަމާއެކު ވިއްކައިގެން ނަފާ ހޯދުމުގެ މަގު ވަނީ ތަނަވަސްވެފައެވެ. ވަޒީރު ހީނާ ފާހަގަކުރެއްވި ގޮތުގައި، މިއީ ޒުވާން ފަންނުވެރިންނަށް އެމީހުންގެ ހުނަރު ދުނިޔޭގެ ކޮންމެ ހިސާބަކަށްވެސް ފޯރުކޮށްދިނުމަށް ހުޅުވުނު މުހިންމު ދޮރެކެވެ. "ކްރިއޭޓަރުންނަށް، އޭގެތެރޭގައި ޑޮކިއުމަންޓްރީސް އުފައްދާ ފަރާތްތަކަށް، ފޮޓޯ ނަގާ މީހުންނަށް އަދި ފިލްމު އުފައްދާ ފަރާތްތަކަށާއި އަދި މި ފަންނުގެ އެކި ދާއިރާތަކަށާއި މަސައްކަތްކުރައްވާ އެކިއެކި ކޮންޓެންޓް ކްރިއޭޓާރސްއަށް ވަރަށް މުހިންމު ޕްލެޓްފޯމްއަކަށް މިވެގެންދަނީ،" ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން މިއީ ރާއްޖެ އިޝްތިހާރުކުރުމަށްވެސް ލިބުނު ބޮޑު ބާރެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ކްރިއެޓޯލްއަކީ ހަމައެކަނި ވިޔަފާރި ކުރާ ތަނެއްގެ އިތުރުން، ރާއްޖޭގެ "ކްރިއޭޓިވް އިކޮނޮމީ" ނުވަތަ އުފެއްދުންތެރި އިޤްތިޞާދު ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ވިޒިޓް މޯލްޑިވްސްއިން ބުނާ ގޮތުގައި، މި ޕްލެޓްފޯމްގެ ސަބަބުން ރާއްޖޭގެ ވާހަކަތައް އިތުބާރު ހުރި ގޮތެއްގައި ބައިނަލްއަޤްވާމީ މައިދާނުގައި ކިޔައިދިނުމަށް މަގުފަހިވެ، އުފެއްދުންތެރިންނަށް ކުރިއަށްދާނެ އައު ފުރުސަތުތަކެއް ލިބިގެންދާނެއެވެ.
ކްރިއެޓޯލްއާއެކު ފަންނުވެރިންނަށް އާމްދަނީ ހޯދުމުގެ އައު ދޮރެއް: ވަޒީރު ހީނާ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.