1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

އެމްބާޕޭ އާ ރެކޯޑަކާ އެކު ސްވިޑަން 3-0 އިން ބަލިކޮށް ފްރާންސް ގަދަ 16 އަށް

AP26167745225191-1100x733
ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ
ނަދީމް އަލީ
373ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ފީފާ ވޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުގައި ސްވިޑަންއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ފްރާންސް ކާމިޔާބުކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި މެޗުގައި ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ދެއްކި މޮޅު ކުޅުމާ އެކު، އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި މުހިންމު ރެކޯޑުތަކެއް މުގުރާލާފައެވެ.

މެޗުގެ ކުރީކޮޅު ސްވިޑަން އިން ވަނީ ފްރާންސްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން އެލެގްޒެންޑާ އީސާކަށް ލިބުނު ފުރުސަތެއްގައި އޭނާ ފޮނުވާލި ހަމަލާ ފްރާންސްގެ ކީޕަރު މައިކް މައިގްނަން ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް އޭގެ ފަހުން މުޅި މެޗު ކޮންޓްރޯލް ކުރީ ފްރާންސް އިންނެވެ.

މެޗުގެ 20 ވަނަ މިނެޓުގައި އެމްބާޕޭ ލަނޑެއް ޖެހި ނަމަވެސް، ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި އޭގެ ފަހުން މައިކަލް އޮލީސޭ ފޮނުވާލި އޯވަހެޑް ކިކެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ވަނީ ބޭރުވެފައެވެ. ފްރާންސް އިން މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައެވެ. އުސްމާން ޑެމްބެލޭ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އެމްބާޕޭއެވެ.

300 × 250

ދެވަނަ ހާފު ފަށައިގެން 53 ވަނަ މިނެޓުގައި ފްރާންސްގެ ދެވަނަ ލަނޑު ބްރެޑްލީ ބަކޯލާ ކާމިޔާބުކުރިއިރު، މި ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދިނީ އޮލީސޭއެވެ. ފްރާންސްގެ ފަހު ލަނޑު މެޗުގެ ފަހުކޮޅު ކާމިޔާބުކޮށްދިނީ އަނެއްކާވެސް އެމްބާޕޭއެވެ. މިއީ އޮލީސޭ މި މުބާރާތުގައި ދިން 5 ވަނަ އެސިސްޓެވެ.

މި މެޗުގައި ކާމިޔާބުކުރި ދެ ލަނޑާ އެކު އެމްބާޕޭ ވަނީ ވޯލްޑް ކަޕްގެ ނޮކައުޓް ސްޓޭޖުގައި 10 ލަނޑު ހަމަކޮށް، ބްރެޒިލްގެ ރޮނާލްޑޯ އާއި ލިއޮނިޑާސްގެ ރެކޯޑު މުގުރާލާފައެވެ. އަދި ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް އޭނާ ވަނީ ޖެހިލާފައެވެ. އެމްބާޕޭ މިހާތަނަށް 18 ލަނޑު ޖަހާފައިވާއިރު، އެއްވަނައިގައި އޮތީ 19 ލަނޑު ޖަހާފައިވާ ލިއޮނަލް މެސީއެވެ.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ މަންމަ ނިޔާވުމާ ގުޅިގެން ޓީމާ ދުރުގައި ހުރުމަށްފަހު އެނބުރި އައި ފުރަތަމަ މެޗުން މި ހޯދި މޮޅާ އެކު، ފްރާންސް ވެފައިވަނީ ވޯލްޑް ކަޕް ތާރީޚުގައި ޖެހިޖެހިގެން 5 މެޗުގައި 3 ލަނޑު ނުވަތަ އެއަށްވުރެ ގިނަ ލަނޑު ޖެހި ފުރަތަމަ ޓީމަށެވެ.

ކުއާޓާ ފައިނަލުގައި ފްރާންސް ބައްދަލުކުރަން ޖެހޭނީ ޕެރަގުއޭއާއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި