ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި ކާބަފައިންގެ ހިރިގަލު ވަޑާމުގެ ފަންނުވެރިކަން ދައްކުވައިދޭ ހިރިގަލު މިސްކިތްތައް، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި 2027 ވަނަ އަހަރުގެ ފަހުކޮޅު ހިމެނިގެންދާނެ ކަމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މިނިސްޓަރު ހީނާ ވިދާޅުވި ގޮތުގައި، މި މަސައްކަތުގެ އެންމެ މުހިންމު މަރުހަލާ ކަމަށްވާ 'ނޮމިނޭޝަން ފައިލް' ތައްޔާރުކޮށް މިއަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހު ވަނީ ޔުނެސްކޯއަށް ހުށަހަޅާފައެވެ. ޔުނެސްކޯއިން މިހާރު އެ ފައިލް ބަލައިގަނެ، ރާއްޖޭގެ ލިޔެކިޔުންތައް ފުރިހަމަވެފައިވާ ކަމަށް އަންގާފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. މިސްކިތްތައް އިވެލުއޭޓް ކުރުމުގެ އަމަލީ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "ޔުނެސްކޯގެ އިވެލުއޭޝަން ޓީމުން ރާއްޖެ އައިސް މިސްކިތްތައް ބެލުމުގެ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފަށާނެ" ކަމަށެވެ. އަދި މިކަމަށްޓަކައި މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ. ޔުނެސްކޯގެ ލިސްޓުގައި ހިމެނުމަށް ރާއްޖެއިން ހުށަހަޅާފައިވަނީ ފާހަގަކޮށްލެވޭ ފަސް މިސްކިތެކެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ހުކުރު މިސްކިތުގެ އިތުރުން، ހއ. އިހަވަންދޫ އާސާރީ މިސްކިތާއި، ރ. މީދޫ ބާ ހުކުރު މިސްކިތާއި، އދ. ފެންފުށި އާސާރީ މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ. ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ބައިނަލްއަގުވާމީ މި ލިސްޓުގައި ހިމެނުމުގެ މަސައްކަތް ފެށިފައިވަނީ 2011 ވަނަ އަހަރުގައެވެ. ނަމަވެސް، އެކި ސަބަބުތަކާ ހުރެ މިހާތަނަށް އެކަން ކާމިޔާބުވެފައި ނުވާއިރު، މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު 2027 ގެ ނިޔަލަށް މި ޝަރަފު ރާއްޖެއަށް ލިބޭނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ހިރިގަލު މިސްކިތްތައް, އަންނަ އަހަރު ޔުނެސްކޯގެ ދާއިމީ ލިސްޓަށް

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.