ރާއްޖެއަށް އިންޑިއާއިން އެކްސްޕޯޓްކުރާ ތެލުގެ ބާވަތްތަކުން ނަގަމުން އައި ޑިއުޓީ ކަނޑާލުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުމަކީ އަވައްޓެރި ގައުމުތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ލުއިފަސޭހަގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަގްސަދުގައި އެ ގައުމުގެ ކަސްޓަމްސް ގާނޫނަށް ގެނައި ބަދަލެކެވެ.

އިންޑިއާގެ ރަސްމީ ގެޒެޓުގައި ޝާއިއުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އިސްލާހުގެ ދަށުން ރާއްޖެއަށް އެތެރެކުރާ ތެލުގެ ބާވަތްތަކުން މީގެކުރިން ނަގަމުންދިޔަ 'ސްޕެޝަލް އެޑިޝަނަލް އެކްސައިޒް ޑިއުޓީ' އާއި 'ރޯޑް އެންޑް އިންފްރާސްޓްރަކްޗަރ ސެސް' މިހާރު ވަނީ އެއްކޮށް އުނިކޮށްދީފައެވެ.

މި ނިންމުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން އަދި ރަސްމީކޮށް ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މިއީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ފޯރުކޮށްދިނުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.

އާންމުގޮތެއްގައި ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓްކުރަނީ މެދުއިރުމަތީގެ ބާޒާރުތަކުންނެވެ. ނަމަވެސް، ހުރުމުޒް ކަނޑުއޮޅީގެ ސަރަޙައްދުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މުދާ އުފުލުމަށް ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތީ، އިތުބާރު ހުރި އަދި ހަރަދު ކުޑަ މަގަކުން ތެޔޮ ހޯދުމަށްޓަކައި އިންޑިއާއިން ތެޔޮ ގަތުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ.

އިންޑިއާއިން މީގެކުރިން މިފަދަ ލުއިތަކެއް ދެމުން އައީ ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ބޫޓާނަށް އެކަންޏެވެ. އެހެންނަމަވެސް، އަލަށް ގެނެވުނު މި ބަދަލާއެކު ޑިއުޓީ މާފުކޮށްދޭ ގައުމުތަކުގެ ލިސްޓުގައި މިހާރު ރާއްޖެ ވެސް ވަނީ ހިމެނިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިހާރު ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރަނީ ޔޫއޭއީ، އޮމާން، މެލޭޝިއާ އަދި ސިންގަޕޫރުންނެވެ.