އާސަންދައިގެ ދަށުން ކަވަރު ނުކުރާ ބޭހަކަށް ކަސްޓަމަރެއްގެ އަތުން ފައިސާ ނެގި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތައް ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން (ސްޓޭޓް ފާމާ) އިން ދޮގުކޮށްފިއެވެ. މިކަމާ ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ ހެނދުނު އެ ކުންފުނީގެ ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ބޭސް ދޫކޮށްފައިވާ ކަމަށާއި، އެ ބޭސްތަކުގެ ޖުމްލަ އަގަކީ 2,977.15 ރުފިޔާ ކަމަށެވެ. އެ ބޭހަކީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވާއިރު، ބޭސް ދޫކޮށްފައިވަނީ އިންޝުއަރެންސް ޕާޓްނަރު ސްލިޕަށް ކަމަށް ސްޓޭޓް ފާމާއިން މައުލޫމާތު ދެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކޮޓޭޝަނެއްގައި ބޭހުގެ އަގު 6,000 ރުފިޔާއަށް ވުރެ މަތީގައި ހުރި މައްސަލައަށް އަލިއަޅުވާލަމުން އެ ކުންފުނިން ބުނީ، އެއީ ބޭހުގެ އެކި ބްރޭންޑްތައް ލިބެން ހުންނަ އަގުތައް ތަފާތުވުމުގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ. ބޭހުގެ އެކި ބްރޭންޑްތަކުގެ އަގަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަންވެސް އެ ކުންފުނިން ފާހަގަކުރިއެވެ. ސްޓޭޓް ފާމާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "އާސަންދަ ކަވަރު ނުކުރާ ބޭސްތަކަކީ، ގިނަ ފަހަރު ވިރަ މެދުވެރިކޮށް އަދި ގުޅިފައިވާ އެހެން އެޖެންސީތަކުގެ އެހީގައި ގެންނަ ބޭސް ކަމަށްވާއިރު، ކަސްޓަމަރުގެ އަތުން ފައިސާ ނަގާފައި އޮތްކަމަށް ދޭހަވާ މޭރުމުން އޮތުމަކީ ރަނގަޅު މައުލޫމާތެއް ނޫން" ކަމަށެވެ. މި މައްސަލައިގައި ކުންފުނީގެ އަގު ހިފެހެއްޓުމަށާއި ސައްހަ މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ސްޓޭޓް ފާމާއިން ވަނީ އިލްތިމާސްކޮށްފައެވެ.