ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ސަރަހައްދަށް ބާރުގަދަ ބިންހެލުމެއް އަތުވެދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ. މެޓް އޮފީހުން މިކަން ސާފުކޮށްދީފައި މިވަނީ ރާއްޖެ ކައިރިއަށް 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އައުން އެކަށީގެންވާ ކަމަށް ބުނެ ފޭސްބުކް ޕޭޖަކުން އާންމުކުރި ޕޯސްޓަކާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކަށް ރިއާޔަތްކޮށެވެ. އެ އިދާރާއިން ވިދާޅުވީ ބިންހެލުމެއް އަންނާނެ ވަގުތާއި ތަނެއް ސައިންޓިފިކް ގޮތުން ކުރިއާލާ ދެނެގަނެވޭނެ އެއްވެސް ވަސީލަތެއް ނުވަތަ ގޮތެއް ދުނިޔޭގެ ސައިންސްވެރިންނަށް އަދި ހޯދިފައި ނުވާ ކަމަށެވެ. މެޓް އޮފީހުގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިގު މުއްދަތަކަށް ބަލައި ބިންހެލުންތައް އައުމުގެ ފުރުސަތު ބޮޑު ސަރަހައްދުތައް ސައިންސްވެރިންނަށް އަންދާޒާ ކުރެވުނު ނަމަވެސް، އެކަން ހިނގާނެ ސީދާ ތާރީހެއް ބުނެދިނުމަކީ ނުވާނެ ކަމެކެވެ. "ނަމަވެސް، ތާރީހެއް ނުވަތަ އަންނާނެ ސީދާ ތަނެއް ދެނެގަނެވޭނެ އެއްވެސް ސައިންޓިފިކް ގޮތްތަކެއް ނެތެވެ،" މެޓް އޮފީހުން ވިދާޅުވިއެވެ. ރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން އިތުރަށް ވިދާޅުވީ، ބިންހެލުންތަކުގެ ހަރަކާތްތައް އެ އޮފީހުން 24 ގަޑިއިރު މެދުނުކެނޑި މޮނިޓަރު ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެއަށް އެއްވެސް ކަހަލަ އަސަރެއް ކޮށްފާނެ ފަދަ ބިންހެލުމެއް އަތުވެއްޖެ ނަމަ، އެ މައުލޫމާތު ލަސްނުކޮށް ރަސްމީ ވަސީލަތްތައް މެދުވެރިކޮށް އާންމުންނަށް ހިއްސާކުރާނެ ކަމުގެ ޔަގީންކަން އެ އިދާރާއިން ވަނީ ދީފައެވެ.
ރާއްޖެއަށް ބިންހެލުމެއް އަންނާނެއޭ ބުނެ ފަތުރަނީ ދޮގެއް؛ ބިންހެލުމެއް އަންނާނެ ވަގުތާއި ތަނެއް ކުރިއާލާ ދެނެނުގަނެވޭނެ!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.