1280 × 720 (16:9)
ހޮނިހިރު22 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

ފަހު ވަގުތު މެރީނޯ ޖެހި ގޯލުން ޕޯޗުގަލް ކަޓައި، ސްޕެއިން ކުއާޓާ ފައިނަލަށް

GettyImages-2284947546.jpg
އާސެނަލްގެ މިޑްފީލްޑަރު މެރީނޯ ގޯލް ޖެހުމަށްފަހު އުފާ ފާޅުކުރަނީ
ނަދީމް އަލީ
ފޮންޓް ސައިޒް
އާދައިގެ

ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ގެ މެޗުގައި ރޭ ސްޕެއިން އާއި ޕޯޗުގަލް ބައްދަލުކުރި ފޯރިގަދަ މެޗު، ފަހު މިނެޓުގައި މިކޭލް މެރީނޯ ޖެހި ލަނޑުން 1-0 އިން ކާމިޔާބުކޮށް ސްޕެއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ 91 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ އެންމެ 6 މިނެޓު ތެރޭގައި އާސެނަލްގެ މިޑްފީލްޑަރު މެރީނޯ މި ލަނޑު ކާމިޔާބުކުރީ ފެރަން ޓޮރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި ނަތީޖާއާއެކު، ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕްގެ ހުވަފެންތަކަށް ވަނީ ނިމުން އައިސްފައެވެ. މިއީ އޭނާގެ ގައުމީ ޓީމަށް ކުޅެދޭނެ ފަހު މުބާރާތްކަން ރޮނާލްޑޯ ވަނީ ކުރިން ކަށަވަރުކޮށްދީފައެވެ.

300 × 250

މެޗުގެ ކުރީކޮޅު ސްޕެއިންގެ މައިކަލް އޮޔަރްޒަބަލްއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. އަދި ޕޯޗުގަލްގެ ކީޕަރު ޑިއޯގޯ ކޯސްޓާ ވަނީ ސްޕެއިންގެ ލަމީން ޔަމާލް އާއި އެލެކްސް ބައޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފައެވެ.

ޕޯޗުގަލްއިން ވެސް ވަނީ ސްޕެއިންގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ރޮނާލްޑޯ ފޮނުވާލި ވޮލީއެއް ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ދިފާއުކުރިއިރު، ނޫނޯ މެންޑޭޒް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައިވެއެވެ. މެޗުގެ 56 ވަނަ މިނެޓުގައި މެންޑޭޒްއަށް އަނިޔާވެގެން ބޭލުމަކީ ޕޯޗުގަލްގެ ޑިފެންސަށް ދިމާވި ބޮޑު ގޮންޖެހުމެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ކުޅުމަށް ދާން ތައްޔާރުވެފައި ވަނިކޮށް މެރީނޯ ކާމިޔާބުކުރި ލަނޑާއެކު ސްޕެއިން މިވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓާ ފައިނަލްގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމްއާއެވެ.

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި