ސިއްޙީ ޚިދުމަތަކީ ހަމައެކަނި އާއްމު ޚިދުމަތެއް ނޫންކަމަށާއި، މިއީ މުޖުތަމަޢުގެ ހަމަހަމަކަން ޤާއިމުކުރުމަށްޓަކައި ދެވޭ އެންމެ މުހިންމު ޚިދުމަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިފަދައިން ވިދާޅުވީ، "3 ވަނަ އިންޓަރނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޮރ ހެލްތްކެއަރ ޕްރޮފެޝަނަލްސް 2026" ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. މި ކޮންފަރެންސް ފަށްޓަވައިދެއްވަމުން ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވީ، މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ސިއްޙީ ދާއިރާގެ އެކި ދާއިރާތަކުން ޚިދުމަތްދޭ ހެލްތު ކެއަރ ވޯކަރުން އެއްތަނަކުން ބައްދަލުވެ، ދާއިރާގެ ކުރިއެރުމަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރުމަށް ފުރުޞަތު ހުޅުވިގެންދާ ކަމަށެވެ. އަދި މިއީ ހަމައެކަނި ދާއިރާގެ ކުރިއެރުމަށް ކުރެވޭ ކަމެއް ނޫންކަމަށާއި، މިއީ މުސްތަޤްބަލުގައި މުޖުތަމަޢުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. "ދުޅަހެޔޮ ސިއްޙަތެއް ނެތް މުޖުތަމަޢުއެއްގައި ކުރިއަރާ ދިއުމުގެ ޤާބިލުކަމެއް ނުލިބޭނެ،" އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބަލިމީހަކަށް ދެވޭ ފަރުވާގެ ކޮންމެ މަރުޙަލާއަކީ ސިއްޙީ އެހީތެރިންގެ ވަރަށް ބޮޑު ގުރުބާނީއެއް އެކުލެވިގެންވާ، ފަރުވާތެރި މަސައްކަތެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. ރާއްޖެފަދަ ޖަޒީރާ ޤައުމަކަށް ސިއްޙީ ޚިދުމަތަކީ "ލަގްޒަރީ" އެއް ނޫންކަން ފާހަގަކުރައްވަމުން ސާޖިދާ ވިދާޅުވީ، އެއީ ކޮންމެ ރައްޔިތަކަށް ފަސޭހައިން ލިބެންޖެހޭ އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި ސަރުކާރުން އުމްރާނީ ވަސީލަތްތަކާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް ޒަމާނީ ޚިދުމަތްތައް ޤާއިމުކުރުމަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި، ބަލިމީހުންނާއި އާއިލާތަކާ އެންމެ ގާތުން މަސައްކަތްކުރާ ނަރުހުން އަދާކުރާ މުހިންމު ދައުރުގެ އަގު ވަޒަންކުރެއްވިއެވެ. އަދި މި ކޮންފަރެންސްގެ ބައިވެރިން ގުޅިގެން މަސައްކަތްކޮށް، ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ސިއްޙީ ނިޒާމު ހަރުދަނާކުރާނެ ގޮތްތައް ދިރާސާކުރުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ އިތުރުން ދުނިޔޭގެ 9 ޤައުމަކުން ސިއްޙީ ދާއިރާގެ މާހިރުންނާއި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ދުނިޔޭގެ ސިއްޙީ ނިޒާމަށް އަންނަމުންދާ އީޖާދީ ބަދަލުތަކާ އެއްގޮތަށް ރާއްޖޭގެ ސިއްޙީ ނިޒާމުވެސް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފަސްޓް ލޭޑީގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.
ސިއްޙީ ޚިދުމަތަކީ މުޖުތަމަޢުގެ ހަމަހަމަކަން ޤާއިމުކުރުމަށް ދެވޭ އެންމެ މުހިންމު ޚިދުމަތް: މެޑަމް ސާޖިދާ

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.