ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމަލާގައި ބައިވެރިވި ކަމަށް އިއުތިރާފް ވެފައިވާ އަދުހަމް އަހުމަދު ރަޝީދަށް ހުކުމް ކުރަން ބާއްވާ އަޑުއެހުން މާދަމާ ތާވަލުކުރަން ނިންމައިފިއެވެ.
އަދުހަމްގެ މައްޗަށް ދައުލަތުން ވަނީ މި މައްސަލައާއި ގުޅިގެން ހަތަރު ދައުވާއެއް ކޮށްފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ. އެހެން ނަމަވެސް ދައުލަތާއެކު ހަދާފައިވާ ކުށުގެ އިއުތިރާފް އެއްބަސްވުމުގެ ދަށުން، އަދުހަމަށް ކުރި ހަތަރު ދައުވާގެ ތެރެއިން ދެ ދައުވާ އުނިކުރިއެވެ. އަދި އުފުލީ ނިރުބަވެރި އަމަލެއް ކުރި ކުށުގެ ދައުވާއާއި ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރި ކަމުގެ ކުށުގެ ދައުވާ އެކަންޏެވެ.
އެގޮތުން ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވި ގޮތުގައި، ސިއްރުން ކުރިއަށް ގެންދާ މި ޝަރީއަތުގެ އަޑުއެހުންތައް މިއަދު ވަނީ ނިމިފައެވެ. އަދި އަންނަ އަންގާރަ ދުވަހު ހުކުމް އިއްވަން އަޑުއެހުމެއް ބާއްވަން ނިންމާފައިވާ ކަމުގައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.