ލޭބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން "ތިކި" ނަމުގައި ޚާއްސަ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފިއެވެ. ލ.އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ ރަށަކަށް ހުޅުވާލި މި އެޕްލިކޭޝަން ތަޢާރަފް ކޮށްދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްލާއިލްއެވެ. "ތިކި" އެޕްލިކޭޝަނަކީ ލޭ ހަދިޔާކުރާ މީހުންނާއި ލޭ ބޭނުންވާ މީހުން އެއް ޕްލެޓްފޯމަކަށް ގެނައުމުގެ ގޮތުން ތަޢާރަފްކުރި އެޕްލިކޭޝަނެކެވެ. މިކަމުގެ ސަބަބުން ލޭ ހޯދުމަށް ކުރަންޖެހޭ މަސައްކަތް މިހާރަށް ވުރެ ކުޑަވެގެން ދާނެކަމަށް މި އެޕްލިކޭޝަން ތަޢާރަފްކުރި ފަރާތުން ވަނީ ބުނެފައެވެ. އަދި ލޭ ނުލިބުމުގެ ސަބަބުން ނުވަތަ ލޭ ލިބުން ލަސްވުމުގެ ސަބަބުން ކުރިމަތިވާ އެކިކަހަލަ ހިތާމަވެރި ކަންކަމާއި ކުރިމަތިލާންޖެހުން މަދުކުރުމަކީ ވެސް މިކަމުގެ އެއް މަޤުސަދް ކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

thikiތިކި އެޕްލިކޭޝަން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ޓީމް.. ފޮޓޯ: އައިކޭންޑީ

މިއެޕްލިކޭޝަން ލޯންޗުކޮށްފައިވަނީ 3 ފިޔަވައްސަކަށް ބަހާލައިގެން. އެގޮތުން ފުރަތަމަ ފިޔަވަހީގަ އެޕްލިކޭޝަން ބޭނުންކުރާނީ، ލ، ތ، ގއ، ގދ، އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީގައެވެ. މި އެޕްލިކޭޝަން ބޭނުން ކުރުމަށް ލޮގިން ވާކަށް ނުޖެހެއެވެ. އެހެންނަމަވެސް ޑޯނާއެއްގެ ގޮތުގައި ނަން ހިމެނުމަށް ރަޖިސްޓަރ ވާން ޖެހޭނެވެ. އެގޮތުން މި އެޕްގައި ރަޖިސްޓަރ ވެވޭ ފޯމެއް އެޕްގައި ހިމަނާފައިވެއެވެ. އަދި އެޕްގެ ހޯމް ޕޭޖުން ރަޖިސްޓަރ ވެފައިވާ ހުރިހާ ޑޯނަރުންގެ މަޢުލޫމާތުތައް ފެންނަން ހުންނާނެއެވެ. އަދި ހަމަ ހޯމް ޕޭޖުން ރަށް، އަދި ލޭގެ ގްރޫޕު ބޭނުންކޮށްގެން ޑޯނަރުން ފިލްޓަރވެސް ކުރެވޭނެއެވެ. އަދި ކޮންމެ ޑޯނަރއެއްވެސް ލޭ ހަދިޔާކުރުމާއެކު 90 ދުވަހަށް އެ ޑޯނަރަކު އެޕުން ގެއްލޭނެއެވެ.

thiki"ތިކި" ފައުންޑަރު އަނަސް ވާހަކަ ދައްކަނީ.. ފޮޓޯ: އައިކޭންޑީ

މި އެޕްލިކޭޝަންގައި "އެކްސްޕްލޯރ" ކިޔާ ސެކްޝަނެއްވެސް ހިމަނާފައިވާނެއެވެ. އެ ސެކްޝަނުގައި ހުންނާނީ ލޭ ހޯދާ ފަރާތްތަކުގެ މަޢުލޫމާތެވެ. އެގޮތުން ކޮންމެ މީހަކުވެސް ލޭ ބޭނުންވެގެން އެޕްލިކޭޝަނުގައި ޕޯސްޓެއް ކޮށްފިނަމަ މިބައިން އޭގެ މައުލޫމާތު ލިބެން ހުންނާނެއެވެ. އަދި ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެބައިން ލޭ ހޯދާ ފަރާތްތަކާ ގުޅޭނެއެވެ. މި އެޕްލިކޭޝަނާއެކު އެޕްލިކޭޝަން ބޭނުންކުރާ ހުރިހާ ހޮސްޕިޓަލަކަށްވެސް "ހަސްފަތާލު ޕޯޓަލް" ގެ ލޮގިންއެއް ދެވޭނެއެވެ. ޑޯނަރުން ލޭ ހަދިޔާކުރުމުން އެކަން އެޕްލިކޭޝަނަށް އަޕްޑޭޓްކުރާނީ މި ޕޯޓަލްއިންނެވެ.