ފާދިއްޕޮޅު ނައިފަރު ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި “ނައިބޮލި މަދަޙަ މުބާރާތް 2026” ނިންމުމުގެ ރަސްމިއްޔާތު، ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި ވަޒީރު ވަނީ ބައިވެރިންނަށް ހިތްވަރު ދެއްވައި ވާހަކަފުޅު ދައްކަވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހީނާ ވަލީދު ވިދާޅުވީ، މިއަހަރުގެ މުބާރާތުގެ ފެންވަރާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ބައިވެރިން ހުށަހަޅައިދިން މަދަހަތަކަކީ ފެންވަރު ރަނގަޅު ހުށަހެޅުންތަކެއްކަން ފަނޑިޔާރުން ފާހަގަކުރައްވާފައިވާތީ އެކަމަށް ވަޒީރު ތައުރީފު ކުރެއްވިއެވެ. އަދި މުބާރާތުގެ ފެންވަރު ރަނގަޅުކުރުމަށް ނައިފަރު ކައުންސިލުން ކުރަމުންދާ ބުރަ މަސައްކަތްތަކަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވައި ހިތްވަރު ދެއްވާފައެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ދިވެހި ޅެންވެރިކަމުގެ ބައިތަކުގެ ތެރެއިން ޅެމެއް ވަޒަނަށް ހެއްދެވި ފުރަތަމަ ބޭފުޅަކީ ނައިފަރަށް ނިސްބަތްވެވަޑައިގަންނަވާ ހުތް އަލިދީދީ ކަން ފާހަގަކުރައްވާފައެވެ. އަދި އޭނާގެ ދަރިކަލުން ފަޟީލަތުއްޝައިޚް ޖަލާލުއްދީން އައްނައިފަރީ އަކީވެސް ދިވެހި ޅެންވެރިކަމަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި، އެ ދާއިރާގެ އަލިގަދަ ތަރިއެއްކަން ވަޒީރު ހަނދާން އާކުރެއްވިއެވެ.