ދިވެހިރާއްޖޭގެ މިނިވަންކަމަށް ދައްކަވަން ޖެހޭ އަގަކީ ފިޔާ ކިލޯއެއް ކަމަށް ނުހައްދަވަން، ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައިގައި އިދިކޮޅުން އަދި ރާއްޖޭގެ ގިނަ ބަޔަކު އެކަމާ ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައި، ސަރުކާރުން އިންޑިއާ ސިފައިން ރާއްޖޭގައި ބޭތިއްބުމަށް އެކި ބަހަނާ ދައްކަމުންދާ މައްސަލައިގައެވެ. މީގެ ކުރިންވެސް ސައިދުވަނީ، މިކަމާ ގުޅިގެން އެކި ޕްލެޓްފޯމް ތަކުގައި ވާހަކަ ދައްކަވާފައެެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމަކީ ގާނޫނާއި ޚިލާފު ކަމެއް ކަމަށާއި، އެކަން ކުރަމުންދަނީ ކޮމްޕްރޮމައިޒް ވެފައިވާ މަދު ބައެއްގެ ސަބަބުން ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އަދި އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ވެސް ގާނޫނު އަސާސީއާއި ޚިލާފު ކަމެއްކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގެންނެވުމުން އިދިކޮޅުން ވަނީ އިންޑިއާ އައުޓް ނަމުގައި ހިންގަމުންދާ ހަރަކާތްތައް އިތުރަށް ވަރުގަދަކޮށްފައެވެ. އެކަމާ ގުޅިގެން ސަރުކާރަށް ތާއީދު ކުރައްވާ މަޖިލިސް މެމްބަރުން ގެންދަވަނީ އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް އަޑުއުފުލަމުންނެވެ.