މިސަރުކާރުން ގެންގުޅެނީ ހެޔޮ ވެރިކަމެއްގެ ވިސްނުމެއް ނޫން ކަމަށާއި، މިކަމާ ދިވެހި ރައްޔިތުން ފުންކޮށް ވިސްނާލުމަށް، ޕީޕީއެމް އެކްޓިވިސްޓް އަދި ޕީޕީއެމް/ޕީއެންސީ ޖޮއިންޓް ކައުންސިލް މެމްބަރ އަޒުހަރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
އަޒުހަރު މިހެން ވިދާޅުވީ، އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމުވެ ތިބޭ މައްސަލައިގައި އިދިކޮޅުން އެކަމާ ދެކޮޅަށް އަޑުއުފުލަމުންދާތީ، އެކަމުގެ ރައްދުގައި ސަރުކާރަށް ތާއީދު ކުރައްވާ އެމްޑީޕީ މަޖިލިސް މެމްބަރުންނާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަމުންދާތީއެވެ.
އަޒުހަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިޔާ ކިލޯއެކޭ، ކަނޑޫ ނާޅިއެކޭ، އިންޑިއާ ކަނޑޭ ކިޔައިގެން މިތާ އިންޑިއާ އަސްކަރިއްޔާ ބާއްވަން ހޭބޯނާރާ އުޅޭ ރައީސުންނާއި މަޖިލިސް މެމްބަރުނާއި މިނިސްޓަރުންގެ ވިސްނުމަކީ ބީޖޭޕީގެ ހަރުކަށި ވިސްނުން ކަމަށާއި، އަދި އެއީ ހެޔޮ ވެރިކަމެއް ކުރާނެ ބައެއްގެ ވިސްނުމެއް ނޫން ކަމަށެވެ.
އަދި މިކަމަކީ ދިވެހި ރައްޔިތުން ވިސްނަން ޖެހޭ ކަމެއް ކަމަށްވެސް އަޒުހަރުގެ ޓުވީޓުގައި ވެސް ވަނީ ވިދާޅުވެފައެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭ މައްސަލައާ ދެކޮޅަށް އިދިކޮޅުން ގެންދަނީ ގިނަ ހަރަކާތްތަކެއް ބާއްވަމުންނެވެ. އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގެންނެވުމާއެކު، އެމަނިކުފާނު އިސްވެ ހުންނަވައި އިންޑިއާ އައުޓް ހަރަކާތްތައް ވަނީ ވަރުގަދަ ކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.