ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު އުތުރުބުރީ އުކުޅަސް ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުންގެ ފަރާތުން ވަނީ ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އިތުރު ހައުސިންގ ޔުނިޓްތަކެއް ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ރަށުގެ ހިއްކި ބިމާ ގުޅުވައި އިތުރު ބައެއް ހިއްކުމަށާއި، މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން މަގުހަދައިދިނުމަށް ކައުންސިލުން އެދިފައިވެއެވެ.
ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ އިންޖީނުގެ ބޮޑުކުރުމުގެ މަސައްކަތަށް ބޭނުންވާ ބިމެއް ހަމަޖެއްސުމުގައި ހުރި ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މީގެ އިތުރުން، ރަށުގެ ކުނި ބެލެހެއްޓުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމަށާއި، ރަށުގެ ރައްޔިތުންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށްވެސް ކައުންސިލުން ވަނީ އެދިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކާއި ބޭނުންތައް ސަރުކާރުން ބައްލަވާނެ ކަމަށެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި، އުކުޅަހުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލާ ޙިއްޞާކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.