ޤައުމުގެ މިނިވަންކަމަށް ނުރައްކާވާ ފަދަ އަމަލުތައް ހިންގާފައިވާ ފަރާތްތަކަށް، އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރިވުމަށް އެންމެ މުނާސަބު ވަގުތަކީ މިނިވަން ދުވަސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ. ޝުޖާއު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅާ ގުޅިގެން އިދިކޮޅު ފަރާތްތަކުން އަމާޒުކުރާ ފާޑުކިއުންތަކަށް ރައްދު ދެއްވަމުންނެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މިނިވަން ދުވަހުގެ ތަޤުރީރަކީ ސިޔާސީ އަދި ޚާރިޖީ ސިޔާސަތުތަކުގެ ވާހަކަ ދެއްކެވުމަށް އޮތް އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ. އަދި އެއީ މާޒީގައި ހިނގާފައިވާ ނުރަނގަޅު ކަންކަން އިސްލާހު ކުރުމަށް ގޮވާލަންޖެހޭ ވަގުތުކަން އޭނާ ފާހަގަކުރެއްވިއެވެ.

"މިނިވަން ދުވަހަކީ މިއީ ސިޔާސީ ވާހަކަ ދައްކަންޖެހޭ ދުވަހެއް. އެއީ އަޅުގަނޑުމެންގެ މާޒީން އިބުރަތް ހާސިލްކޮށްގެން ކުރިއަށް އޮތް ތަނުގައި ކަންކަން ރަނގަޅު ކުރަން، ޤައުމުގެ ޚާރިޖީ ސިޔާސަތަށް ނުރައްކާވާގޮތަށް ކަންކަން ކޮށްފައި ތިބި ބޭފުޅުންނަށް އެފަދަ ކަމެއް ނުކުރުމަށް ވަލީއްޔުލްޢަމުރު ނަސޭހަތްތެރިވާންޖެހޭ ދުވަސް،" ޝުޖާއު ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަންތަކުގައި ޤައުމުގެ މިނިވަންކަން ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދިޔަ ކަމަށް ތުހުމަތު ކުރައްވަމުން ޝުޖާއު ވިދާޅުވީ، އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި އިސްރާއީލާ ގުޅުން ބަދަހިކުރި ކަމީ ތާރީޚުން ފެންނަން އޮތް ހަގީގަތެއް ކަމަށެވެ. އަދި އެ ސިޔާސަތު މިއަދު ބަދަލުވެފައިވާނަމަ ރައްޔިތުންގެ ކިބައިން މާފަށް އެދެންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުގެ ސަރުކާރުން ގެންގުޅެނީ ވަކި ފަރާތަކަށް ބުރަނުވާ "މޯލްޑިވްސް ފަސްޓް" ސިޔާސަތެއްކަން ފާހަގަކުރައްވައި، މި ސިޔާސަތު ދުނިޔޭގެ ހުރިހާ ޤައުމުތަކުންވެސް ބަލައިގަންނަމުންދާ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތުގެ ސަބަބުން އެއްވެސް ޤައުމަކާ ގުޅުން ގޯސްވެފައި ނުވާ ކަމަށާއި، ހުރިހާ ޤައުމަކުންވެސް ރާއްޖޭގެ މިނިވަންކަމަށް އިހުތިރާމްކުރާކަން މިއަދު ފެންނަމުންދާ ކަމަށް ވިދާޅުވެ އޭނާ ވާހަކަ ނިންމާލެއްވިއެވެ.