މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސޭފްޓީ ވީކުގެ އެންމެފަހު ހަރަކާތް “ޕޯޓް ސޭފްޓީ ރަން” އިއްޔެ ބޭއްވުމަށްފަހު ކެމްޕެއިން ނިންމާލައިފިއެވެ.
ހުޅުމާލޭގައި ބޭއްވުނު މިހަރަކާތުގައި ސަތޭކައަށް ވުރެ ގިނަ ދުވުންތެރިން އަމަލީގޮތުން ވަނީ ބައިވެރިވެފައެވެ.
އިންޓަރނޭޝަނަލް ޓާރމިނަލް އިން ފެށި ދުވުމުގައި އަންހެން އަދި ފިރިހެން ކެޓަގެރީން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވަނީ ފައިސާގެ އިނާމުދީފައެވެ. އެގޮތުން އެއްވަނަޔަށް 2500 ރުފިޔާ، ދެވަނަޔަށް 1500 ރުފިޔާ އަދި ތިން ވަނަޔަށް 500 ރުފިޔާގެ އިނާމެއް ވަނީ ހަދިޔާކޮށްފައެވެ. ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފުއެވެ.
ސޭފްޓީ ވީކް ކެމްޕެއިންގެ ދަށުން ބޭއްވުނު ދުވުމުގައި ޖާރޒީ ވިއްކައިގެން ލިބުނު 23،700 ރުފިޔާ ހަދިޔާކޮށްފައިވަނީ ކުޑަކުދިންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ "އާރކް" އަށެވެ.
ޑިސެންބަރ 26 އިން 31ގެ ނިޔަލަށް ބޭއްވުނު މިކެމްޕެއިންގެ ދަށުން ސަލާމަތީ ކަންތައްތައް ރަނގަޅުކުރެވިދާނެ ގޮތްތަކާއި ރަނގަޅު ސަޤާފަތެއް ގެނައުމަށް ކުރެވިދާނެ ކަންތައްތައް ބައިވެރިންނާއި ހިއްސާކުރެވިގެންދިޔައެވެ. މީގެއިތުރުން ޓްރެއިނިން ތަކާއި ސޭފްޓީ ކަލްޗަރ ވޯކްޝޮޕާއި ޓްރެއިނިން ސެޝަންތައް މިކެމްޕެއިންގެ ދަށުން ކުރިޔަށް ގެންދެވުނެވެ. އަދި ކުރިޔަށް އޮތް ތަނުގައި މިޔަށް ވުރެން ފުޅާ ކޮށް މިކަންތައް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށް އެމްޕީއެލްއިން ވަނީ ހާމަކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.