އދ ދަނގެތީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން އެރަށު ވިޔަފާރިވެރިޔެއް ކަމަށްވާ މަހްމޫދު އަބޫބަކުރު މަރާލި ކަމަށް ބަންގްލަދޭޝް އަށް ނިސްބަތްވާ ޝާ އަލޮމް މިއާ (ސާލިމް) ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މިއަދު އިއުތިރާފް ވެއްޖެއެވެ. މަހްމޫދު މަރާލި ކަމަށް އެއްބަސްވެ ސާލިމަވްނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަކޮށްދިނުމަށް ޝަރީއަތުގެ މަޖިލީހުގައި އެދިފައެވެ. ނަމަވެސް މަހްމޫދުގެ ވާރިސުން ބޭނުންވަނީ މަރަށް މަރުހިފަން ކަމަށް ވުމުން ޕީޖީ އޮފީހުންވަނީ އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ނުހެދުމަށް ނިންމާފައެވެ. 14 އޮކްޓޯބަރ 2021 ވަނަ ދުވަހު މަހްމޫދު މަރާލާފައިވާ ކަމުގެ ތުހުމަތުގައި ސާލިމް ހައްޔަރުކޮށް އޭނާގެ މައްޗަށްވަނީ ދެދައުވާއެއް އުފުލާފައެވެ. އެގޮތުން ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނާއި ހަވާލާދީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި ގާނޫނުލް ޢުގޫބާތާއި ހަވާލާދީ މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ. މަހްމޫދު މަރާލާފައި ވަނީ ސާލިމް ދިރިއުޅެމުން ދިޔަ ގެއަށް މަހްމޫދު ގެންދިއުމަށް ފަހުއެވެ. ސާލިމް، މަހްމޫދު މަރާލީ ފައިސާގެ ބޭނުމުގައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މަހްމޫދު މަރާލާފައިވަނީ ތޫނު އެއްޗަކުން މަހްމޫދުގެ ހަށިގަނޑުގެ ތިރީހަކަށްވުރެ ގިނަ ތަންތަނަށް ހަމާލާދިނުމަށްފަހުއެވެ. އަދި އެކަން ކުރުމަށް ސާލިމް ދެތިން ހަތިޔާރެއް ބޭނުން ކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ. މަހްމޫދު މަރާލާފައި އޮއްވާ ފެނުނީ، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އެރަށުގެ ފަޅު ގޯއްޗެއްގެ ތެރޭގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައެވެ. މިމައްސަލައާ ގުޅިގެން ސާލިމްގެ މައްޗަށް، މަހްމޫދު މަރާލިކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކޮށްފައިވަނީ، ސާލިމް ދިރިއުޅޭ ގޭގެ ތެރެއިން މީހަކު ދަމާފައި ގެންދިޔަ ފަދަ މަންޒަރެއް ފެނުނު ކަމަށް އެރަށު އަންހެނަކު ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ.