ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށް އެ ބޭންކުގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިންގ ސްޓްރެޓަޖީ މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސަޢީދު މިފަދައިން ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އިޤްތިޞާދު ހަމަމަގަށް" ޕެނަލްގައި ރޭ ވާހަކަދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ ދުނިޔޭގެ މަސްރަޙުގައި ހިނގަމުންދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައާއި މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ އަސަރު ރާއްޖޭގެ އިޤްތިޞާދަށް ކުރަމުންދިޔަ ނަމަވެސް، އާންމުންނާއި ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭންކުން ޚާއްޞަ އިސްކަމެއް ދެމުންދާ ކަމަށެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ރަސްމީ ރޭޓުގައި 570 މިލިޔަން ޑޮލަރު ވިއްކާފައިވާއިރު، ލޯނުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދޫކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި މި އަހަރުގެ ފުރަތަމަ ހަތް މަސްދުވަހުގެ ތެރޭގައި ޤައުމީ އިޤްތިޞާދަށާއި ވިޔަފާރިތަކަށް 9 ބިލިއަނާ ގާތްކުރާ އަދަދަކަށް ރުފިޔާގެ ލޯނު ދޫކޮށްފައިވާކަންވެސް ސަޢީދު ފާހަގަކުރެއްވިއެވެ.
ޑޮލަރު ވިއްކުމުގެ ތަފްސީލުތައް ހިއްސާކުރައްވަމުން ސައީދު ވިދާޅުވިއެވެ. "އަޅުގަނޑުމެން މިހާރު މިދަނީ ކޮންމެ ދުވަހަކަށް، ހުކުރު، އީދު، ހަމަ ކޮންމެ ދުވަހަކަށް މިދަނީ 2.7 މިލިއަން ޑޮލަރު ކޮންމެ ދުވަހަކު ވިއްކަމުން. މީގެތެރޭގައި އަޅުގަނޑު ފާހަގަކޮށްލާނަން ހަމަ ކާޑުތަކަށް، ބައެއް ބޭފުޅުންނަށް ފަހަރެއްގަ ކާޑު ޓްރާންސެކްޝަން ނުހެދޭ ވަގުތުތަކެއް އެބައާދޭ. އެހެންނަމަވެސް ކާޑު ޓްރާންސެކްޝަންވެސް ހިމެނޭގޮތަށް ވިޔަފާރިތަކަށް ދޫކުރާ ޓީޓީއަށް އަޅުގަނޑުމެން ދޫކުރާ ޑޮލަރުވެސް ހިމެނޭހެން ކޮންމެ ދުވަހަކު އަޅުގަނޑުމެން މިދަނީ ގާތްގަނޑަކަށް 2.7 މިލިއަން ޑޮލަރު ވިއްކަމުން"
ބޭރު ފައިސާގެ ޚިދުމަތްތަކަށް ބަލާއިރު، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކާޑު މުޢާމަލާތްތަކާއި ޓީޓީ ހިމެނޭހެން ޖުމްލަ 478 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވެއެވެ. މީގެ ތެރޭގައި ޓީޓީ މެދުވެރިކޮށް ވިއްކި 166 މިލިއަން ޑޮލަރާއި، ކާޑު މުޢާމަލާތްތަކަށް ދޫކުރި 226 މިލިއަން ޑޮލަރު ހިމެނެއެވެ. މިއީ ވޭތުވެދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކާޑު މުޢާމަލާތްތަކަށް ކުރި ހޭދަ 29 އިންސައްތަ އިތުރުވުމެކެވެ. މީގެއިތުރުން ރޭމިޓެންސް މުޢާމަލާތްތަކުގެ އަދަދުވެސް ވަނީ 20 އިންސައްތައަށް އިތުރުވެފައިކަމަށް ސަޢީދު ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ 86 ޑޮލަރު އޭޓީއެމް މެދުވެރިކޮށް ދުވާލަކު އެވްރެޖްކޮށް 1.2 މިލިއަން ޑޮލަރު ނަގަމުންދާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ، ވޭތުވެދިޔަ ހަ މަސްދުވަހު އެކަނިވެސް އޭޓީއެމްތަކުން 188 މިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ.
މީގެ ތިން އަހަރު ކުރިން މާލެ ސަރަހައްދުގެ އޭޓީއެމްތަކުން ދުވާލަކު ނަގަމުންދިޔަ 6 ލައްކަ ޑޮލަރާ އަޅާބަލާއިރު، އަތޮޅުތެރެއަށް ޚިދުމަތް ފުޅާވުމާއެކު މި އަދަދު ވަނީ އެތައް ގުނައެއް އިތުރުވެގެން ގޮސްފައިކަންވެސް ސަޢީދު ފާހަގަކުރެއްވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.