ރާއްޖޭގެ މަޝްހޫރު ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި މިއަދު ކްރިމަނަލް ކޯޓުގައި ކުރިޔަށް ގެންދާ އަޑުއެހުމުގައި ޔާމީންގެ އާއިލާއިން އެއްގަލަކަށް ނޭރިއެވެ.

މިއަދުގެ ޝަރީއަތުގައި ޔާމީންގެ މަންމަ ބޭނުންވީ މަރުގެ ދިޔައެވެ. އެހެންނަމަވެސް ބައްޕަ ބޭނުންވީ ދަރިފުޅު މަރާލި އަނިޔާވެރިންނަށް މަރަށް މަރު ހިފުމަށެވެ.

އަނިޔާވެރި ގޮތަކަށް ޔާމީން މަރާލި މައްސަލައިގައި މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށް މިއަދު މަރުގެ ހުކުމް ކަނޑައަޅަން ވަނީ ނިންމާފައެވެ. އެހެންކަމުން ޔާމީންގެ މަންމަ ވވަނީ އަޑުއެހުމަށް ހާޒިރުކޮށްފައެވެ. ބައްޕަ މިވަގުތު ހުރީ އިންޑީޔާގައި ކަމުން ޔާމީންގެ ބައްޕަ އަޑުއެހުމުގައި ބައިވެރިވެފައިވަނީ އޮންލައިންކޮށެވެ.

ޔާމީންގެ މަންމަ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ ޔާމީނަކީ އިންސާކަށްވީތީ ދިރި ހުރުމުގެ ހައްގު ލިބެންވާނެ ކަމަށް ދެކި އެކަމަށް ވަކާލާތުގެ ކުރި މީހެއް ކަމަށެވެ. އަދި މި މައްސަލައިގައި ގިސާސް ހިފަން ބޭނުން ނުވާކަމަށާއި ނަމަވެސް މަރުގެ ދިޔަ ބޭނުންވާ ކަމަށް ޔާމިންގެ މަންމަ ވަނީ ބުނެފައެވެ.

ނަމަވެސް ޔާމީންގެ ބައްޕަ ބޭނުންވަނީ މަރަށް މަރު ހިފުމެވެ. ދަރިންނާއި އަނބިމީހާގެ ނިންމުމާއި ދެކޮޅަށް ބައްޕަ ވަނީ ޝަރީއަތުގައި ވާހަކަ ދައްކާފައެވެ.