އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސްއޮނެޑް ޕިނެޑާ (މޭރީ) މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ މާވިން އެސްވައި ވާގަސް އާއި ހަލީމަތު ލަމްހާ އަބްދުއްރަހްމާންގެ މެދުގައި ބަދަލުކުރި މެސެޖްތަކެއް މިއަދު ޝަރީއަތުގެ މަޖުލީހުގައި ހާމަކޮށްފިއެވެ. ދައުލަތުގެ ފަރާތުން މިއަދު ޝަރީއަތަށް ހުށަހެޅި މެސެޖްތަކުގެ ތަފްސީލުން ހާމަވެގެންދާ ގޮތުގައި އިންސާނަކު މަރުވެދާފަދަ ސިރިންޖްތަކެއް ބޭނުންކުރަންވީ ގޮތް ލަމްހާ ވަނީ މާވިންއަށް ކިޔައިދީފައެވެ.

"ސިރިންޖު ހުސްވުމުގެ ކުރިން އޭނާއަށް ގޮތް ގޮތް ވާން ފަށާނެ. ހުރިހާ ކަމެއް އަވަހަށް ނިންމަން ސަމާލުވާތި." ލަމްހާ މާވިންއަށް ފޮނުވި މެސެޖުގައި ބުނެފައިވެއެވެ.

މޭރީ މަރާލި ދުވަހު މާވިންގެ ފޯނުން 10:20 ގައި ގޫގުލް ސާޗްކޮށްފައިވަނީ ރައްކާތެރިކަމާއެކު މީހަކު ހޭނައްތާލާނެ ގޮތާއި ޗޯކްހޯލްޑްކޮށް ނުވަތަ ނޭވާ ހާސްކޮށްގެން މީހަކު މަރާލާނެ ގޮތުގެ ފޮޓޯތަކެކެވެ. މޭރީ މަރާލި ދުވަހު ކަންތައް ހިނގާދިޔަ ގޮތް: ލަމްހާ އާއި މާވިން ރައްޓެހިވެގެން އުޅޭކަން މޭރިއަށް އެގިގެން މޭރީ ވަނީ ލަމްހާއަށް އިންޒާރުދީފައެވެ. އެހެންކަމުން މާވިން އާއި ލަމްހާގެ ޕްލޭންގެ ދަށުން މޭރީ އެދުވަހު ޑިއުޓީގައި ހުރެފައި ބްރޭކަށް ނުކުތް ގަޑީގައި (12:02މެންދުރު) ހާއިރު މާވިން މޭރީއަށް ހަމަލާދީ މަރާލިއެވެ. އެވަގުތު މޭރީ އާއި މާވިންގެ ދަރިފުޅު ހުރީ ލަމްހާ ކައިރީގައެވެ. މޭރީ މަރާލި ފަހުން ލަމްހާ ކުޑަކުއްޖަކު ގޮވައިގެން އެގެޔަށް ގޮސް ވަން މަންޒަރު ސީސީޓީވީން ފެންނަން ހުއްޓެވެ. އެތެރޭގައި 20 މިނިޓް ހޭދަކުރުމަށްފަހު ލަމްހާ ނުކުމެގެން ދިޔައީ މޭރީ މަރުވިކަން ކަށަވަރުކޮށްފައެވެ. ލަމްހާ ނުކުމެގެން ދިޔަތާ އެއް މިނިޓް ފަހުން މާވިން އެމްބިއުލާންސަށް ގުޅައިގެން މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައެވެ. މާވިން ބުނާގޮތުގައި މޭރީ މަރުވީ އަމިއްލައަށް ދަންޖެހިގެންނެވެ. އެހެންނަމަވެސް ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާ ގޮތުގައި މޭރީ މަރުވީ ބޮލާއި ކަރަށް ދީފައިވާ އަނިޔާތަކުގެ އިތުރުން ނޭވާ ހާސްކޮށްލައިގެންނެވެ. އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދިޔަ ޕިލިޕީންސްގެ ނަރުސް މޭރީ މަރުގެ މައްސަލައިގައި ދައުލަތުން ވަނީ ލަމްހާގެ މައްޗަށް 3 ދައުވާއެއް އުފުލާފައެވެ. ދައުލަތުން ލަމްހާގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާއެވެ. ދައުލަތުން އުފުލާފައިވާ ތިން ދައުވާގައި ބުނާ ކުށްތައް ކުރި ކަމަށް އޭނާއާ ދެކޮޅަށް އެކަށީގެންވާ ހެކި ވަނީ ހުށަހަޅާފައެވެ. އަދި ޝަރީއަތުގެ މަޖުލީހުގައި ދައުލަތުން އެދުނީ މައްސަލަ ނިމެންދެން ލަމްހާ ބަންދުގައި ބެހެއްޓުމަށެވެ. ދައުލަތުގެ ވާހަކަތަކާ ގުޅިގެން، ލަމްހާގެ ދިފާއީ ވަކީލު ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ 100 އެއްހާ ހެކީގެ ތެރޭގައި ގިނައީ، މޭރީ ގްރޭސް މަރުވީ ދަންޖެހިގެން ނޫންކަން ސާބިތުކޮށްދިނުމަށް ހުށަހަޅާފައިވާ ހެކިތައް ކަމަށާއި، އެއީ ލަމްހާއަށް ކުރާ ދައުވާތަކާ ގުޅުމެއް ނެތް ހެކިތަކެއް ކަމަށެވެ. އަދި މޭރީ މަރާލުމުގައި ލަމްހާ އަމަލީ ގޮތުން ބައިވެރިވިކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި ލަމްހާ އެ ގެއަށް ވަދެފައިވާ ކަން ނުވަތަ މޭރީ ދަންޖެހުނު ކަމަށް ދައްކަން ކުރި ކަމެއް ވެސް ދައުލަތަށް ބުނެ ނުދެވޭ ކަމަށް ވަކީލް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މޭރީ މަރާލީ ލަމްހާ އާއި މާވިން ކުރިން ރާވައިގެންކަން ސާބިތުވާނެ ހެއްކެއް ވެސް ނެތެވެ. އެހެންނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ހުސައިން ފާއިޒު ރަޝާދު ވިދާޅުވީ އިތުރު ހެކިތަކެއް ވެސް ހުށަހަޅަން ހުރުމުން، ޝަރީއަތް ނިމެންދެން ބަންދުކުރުމާ މެދު މިއަދު ގޮތެއް ނުނިންމަވާނެ ކަމަށެވެ. ނަމަވެސް ލަމްހާގެ ބަންދަށް އިތުރު 30 ދުވަސް ކޯޓުން ވަނީ ދީފައެވެ. އަދި މާވިންގެ ބަންދަށް ވެސް އިތުރު 30 ދުވަސް ކޯޓުން ދީފައެވެ. މިމައްސަލައިގައި ލަމްހާގެ ގެ ބަލައިފާސްކުރި އިރު، އައިޖީއެމްއެޗްގެ ހުއްދަ ނެތި، އެ ހޮސްޕިޓަލުން ނަގާފައިވާ 'މީހެއްގެ ފުރާނަ ދުއްވާލެވޭ ވަރުގެ ބާރުގަދަ' މަނާ ބޭސްތަކެއް ވެސް ފުލުހުން ވަނީ ހޯދާފައެވެ. ލަމްހާގެ ގެއިން ފެނުނު ސިރިންޖުތައް ތަހުލީލުކުރަން ރާއްޖޭން ބޭރަށް ވަނީ ފޮނުވައިފައެވެ. ވަކީލު ވިދާޅުވީ އަންނަ ހަފްތާގައި މޮބައިލް ފޮރެންސިކް ރިޕޯޓު ޝަރީއަތަށް ހުށަހަޅާނެ ކަމަށެވެ.