ގދ. ތިނަދޫގައި އިމާރާތްކުރާ އެމްއެންޔޫ ސްޓާފް އެކަމޮޑޭޝަން ބިލްޑިންގެ މަސައްކަތް ކުރިއަށް ދާކަމަށް ހާމަކޮށްފިއެވެ.
ޕްރޮޖެކްޓު ކުރިއަށް ގެންދާ ކުންފުނި، އެމްޓީސީސީ އިން އެ ޕްރޮޖެކްޓުގެ އަދާހަމައާ އެކު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، ބެކްފިލްކުރުމާއި ފުރަތަމަ ފަންގިފިލާގެ ރިއިންފޯސްމަންޓް އަދި ފޯމްގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ޒަމާނީ އެކަމޮޑޭޝަން ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ފުރަތަމަ ފެށުމަށް ހަމަޖެހިފައިވަނީ ތިން ފަންގިފިލާގެ އެކަޑަމިކް އިމާރާތެއްގެ މަސައްކަތެވެ. އޭގެ ފަހުން ދަރިވަރުންނާއި މުވައްޒަފުންނަށް ވަކިވަކިން ދެ ފަންގިފިލާގެ ދެ އެކަމޮޑޭޝަން ބްލޮކް ބިނާކުރެވޭނެއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ދަރިވަރުންގެ އެކަމޮޑޭޝަން ބްލޮކްގައި 31 ކޮޓަރިއާއި ލޯންޑްރީގެ ހިދުމަތް ހިމެނޭނެއެވެ. އަދި މުވައްޒަފުންގެ ބްލޮކްގައި ހަތް ކޮޓަރިއާއި ކެފޭއެއް ހިމެނޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
މި މަސައްކަތުގެ މަގްސަދަކީ ތިނަދޫ ކެމްޕަސް ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ދަރިވަރުންނާއި މުވައްޒަފުންނަށް ބޭނުންވާ ތައުލީމީ އަދި ބޯހިޔާވަހިކަމުގެ ވަސީލަތްތައް ފަސޭހައިން ލިބޭނެ ގޮތް ހެދުމެވެ. މިކަމުގެ ސަބަބުން ތައުލީމީ ފުރުސަތުތައް އިތުރުވެ، ރަށުގެ ރައްޔިތުންނަށާއި މުޅި ސަރަހައްދަށް އިޖުތިމާއީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.
2003 ވަނަ އަހަރު ގާއިމުކުރި އެމްއެންޔޫ ތިނަދޫ ކެމްޕަހަކީ މިހާރު ސެޓްފިކެޓް ފެންވަރުން ފެށިގެން މާސްޓާސް ފެންވަރާ ހަމައަށް ތައުލީމު ފޯރުކޮށްދޭ މަރުކަޒެކެވެ. މި ކެމްޕަހުގައި މިހާރުވެސް ނާސިންގ ސްކިލްސް ލެބަކާއި، ކޮމްޕިއުޓަރ ލެބް، ލައިބްރަރީ، ޒަމާނީ ކްލާސްރޫމްތަކުގެ އިތުރުން ވޮކޭޝަނަލް ޓްރެއިނިންގ ވޯކްޝޮޕްތައް ހުރެއެވެ. މީގެ އިތުރުން އެހެން ރަށްރަށުން އަންނަ ދަރިވަރުންނަށް ހާއްސަ ސިންގަލް-ރޫމް އެކަމޮޑޭޝަންގެ ހިދުމަތްވެސް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.