ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު އަހްމަދު ރިޔާޒީ މުހައްމަދު (ޑާޑި) ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބުނު ގޮތުގައި ޑާޑި ހުންނެވީ މެލޭޝިޔާގައެވެ. މިއަދުގެ ވަގުތެއްގައި ޑާޑި ކަސްރަތަށް ނުކުމެ އުޅެނިކޮށް ކުއްލި ގޮތަކަށް ވަނީ ނިޔާވެފައެވެ. އުމުރުން 38 އަހަރުގެ ޑާޑި ނިޔާވިއިރު ހުންނެވީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަނެއް ތައްޔާރުކުރުމަށް ދިވެހި ވެބް ޑިވެލޮޕަރުންތަކެއް ގުޅިގެން އުފެއްދި، މިހާރު ދުނިޔޭގެ މަޝްހޫރުކަން ވަރަށް ބޮޑަށް ލިބިފައިވާ "ލޮޓީފައިލްސް" ގެ ޕްރޮޑަކްޓު ލީޑުގެ މަގާމުގައެވެ.

ކޮވިޑްގެ ބޫސްޓާ ޑޯޒް ޖެހިތާ ތިންގަޑިއިރު ފަހުން ޑާޑި ނިޔާވުމުން ގިނަ ބަޔަކު ދަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. އަދި ހަމައެއާއެކު އޭނާގެ ފުރާނަޔަށް ސުވަރުގޭގެ މަތުވެރި ނިއުމަތް ލެއްވުން އެދި ދުޢާކޮށް، އާއިލާއަށްކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރަމުންނެވެ.

ޑާޑި އަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން މަނިކުގެ އެންމެ ދޮށީ ދަރިފުޅެވެ. އޭނާ އަކީ ލޮޓީ ފައިލްސްގެ ކޯ ފައުންޑަރެވެ.

ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600″ ތައާރަފުކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ޑާޑި ހުންނެވިއިރެވެ.