1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މިމަހުގެ ފުރަތަމަ 8 ދުވަސްތެރޭ ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން، މިދިޔަ އަހަރާ އަޅާބަލާއިރު %5.6ގެ ކުރިއެރުމެއް!

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް، އެއާޕޯޓުތެރޭގައި...
މަރްޔަމް ޝަފާ ސައީދު
178ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މި ހިނގާ އޮގަސްޓު މަހުގެ ފުރަތަމަ އަށް ދުވަހުގެ ތެރޭގައި ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އުއްމީދީ ކުރިއެރުމެއް ހޯދައިފިއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މުއްދަތުގައި ރާއްޖެއަށް ޖުމްލަ 55,834 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 52,275 ފަތުރުވެރިންނާ އަޅާބަލާއިރު %5.6 އިތުރު އަދަދެކެވެ.

މިމަހުގެ ތަފާސްހިސާބުތަކުން ކުރިއެރުން ފެންނަން ފަށާފައި މިވަނީ، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މިއަހަރުގެ މާރިޗު މަހުން ފެށިގެން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުތަކަށް ހީނަރުކަމެއް އައިސްފައި ވަނިކޮށެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، މޭ މަހު %1.7 ގެ ކުރިއެރުމެއް ލިބުނު ނަމަވެސް، ޖޫން މަހު %12 އަދި ޖުލައި މަހު %1.9 ވަނީ ދަށްވެފައެވެ. ނަމަވެސް އޮގަސްޓު މަސް ފެށިގެން އައީ މި ދާއިރާއަށް އާ އުއްމީދުތަކެއް ގެނެސްދެމުންނެވެ.

މިމަހުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދުތަކަށް ބަލާއިރު، އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މި މުއްދަތުގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެދުވަހު އެކަނިވެސް 7,879 ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.

300 × 250

އަހަރުގެ މިހާތަނަށް ޖުމްލަ 1.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 1.3 މިލިޔަން ފަތުރުވެރިންނާ އަޅާބަލާއިރު %4.1 ދަށް އަދަދެކެވެ. ނަމަވެސް، ޗައިނާ މާކެޓުން ދަނީ ބޮޑު ކުރިއެރުމެއް ދައްކަމުންނެވެ. އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެ ޤައުމުން މިހާތަނަށް 2 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުތައް:

  • ޗައިނާ: 232,148 ފަތުރުވެރިން
  • ރަޝިއާ: 188,543 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 101,391 ފަތުރުވެރިން

ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު، އެންމެ ގިނަ ބަޔަކު އިޚްތިޔާރުކޮށްފައިވަނީ ރިސޯޓުތަކެވެ. އެގޮތުން 939,559 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، ގެސްޓުހައުސްތަކުގައި 287,371 ފަތުރުވެރިން ވަނީ މަޑުކޮށްފައެވެ. މީގެ އިތުރުން ހޮޓެލްތަކުގައި 30,395 ފަތުރުވެރިން އަދި ސަފާރީތަކުގައި 24,235 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި