ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން "އިންޑިޔާ އައުޓް" ޖަހާފައި އިންނަ ޓީޝާޓު ތުރުކުރައްވައިގެން ކެމްޕެއިންގައި އުޅުއްވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ނުރަސްމީ މަޝްވަރާތައް ކުރިއަށް ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.
ބިގޭ ވިދާޅުވީ މިދުވަސްވަރަކީ މަޖިލީހުގެ ޗުއްޓީ ދުވަސްވަރު ކަމުން ޤާނޫނީ ގޮތުން މިކަމަށް ފިޔަވަޅެއް އެޅުމުގެ މަޝްވަރާތައް އަދި ކުރިއަށް ދަނީ ނުރަސްމީ ފެންވަރެއްގައި ކަމަށާއި މަޖިލިސް ފެށުމުން ރަސްމީ މަޝްވަރާތައްވެސް ފެށޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.
ރައްޔިތުންގެ މަޖުލީހުގެ މެންބަރުންގެ މެދުގައިވެސް އިންޑިޔާ އައުޓް ކެމްޕެއިންގެ ކަންބޮޑުވުން އޮތްކަމަށް ފާހަނގަ ކުރައްވަމުން ބިގޭ ވިދާޅުވީ ޔާމީން އިންޑިޔާ އައުޓު ޓީޝާޓު ތުރުކުރައްވާތީ އޭގެ ސަބަބުން ޤައުމަށް ނުރައްކާ ކުރިމަތިވެ، މަސްލަހަތު ގެއްލިގެން ހިގައިދާނެ ކަމަށެވެ. އަދި މިހާރުވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދި މަސްލަހަތު ގެއްލެމުންދާކަން ބިގޭ ފާހަނގަކޮށްލިއެވެ.
އެގޮތުން އިދިކޮޅުގެ މިކެމްޕެއިންގައި ބައިވެރިވާ ރައްޔިތުންނަކީ އިންޑިއާ އައުޓު ހިތުން ގަބޫލުކޮށްގެން ބައިވެރިވާ ރައްޔިތުން ނޫންކަމަށް ބިގޭ ވަނީ ވިދާޅުވެފައެވެ. ޕާޓީތަކުގެ އިސްވެރިން ވިދާޅުވެގެން މަގުމައްޗަށް ނުކުމެ އިންޑިޔާ އައުޓް ގޮވަމުން ދިޔަކަމުގައިވިޔަސް އެއްވެސް ރައްޔިތަކު އިންޑިޔާ އައުޓް ގޮވުން ޤަބޫލުނުކުރައްވާ ކަމަށް ބިގޭ ވިދާޅުވިއެވެ. ޕާޓީގެ ލީޑަރުން ކުރާ "ނުރަނގަޅު" ކަމަކަށް ތާއީދުކޮށް މަދު ރައްޔިތުން މަގުތަކަށް ނިކުންނަނީ ޕާޓީގެ ޖޯޝާއި ފޯރީގައިކަމަށް ބިގޭ ވަނީ ފާހަނގަކޮށްފައެވެ.
"ދެވަނަ ފަހަރަށް އިންޑިއާއަށް ދާން މިބޭފުޅުން އަމިއްލައަށް ފަސް ޖެހޭވަރަށް ކަންބޮޑުވެލައްވާ މި ހިނގާލުންތަކުގަ ބައިވެރިވާ ބޭފުޅުންވެސް." ބިގޭ ވިދާޅުވިއެވެ.
އާސަންދައާއި އެންސްޕާގެ އެހީގައި ބޭސްފަރުވާއަށް ދަނީ އިންޑިއާއަށްކަން ބިގޭ ފާހަގަކުރެއްވިއިރު އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ ކެމްޕެއިނުގައި ގޮވައިލަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށެވެ.
އިދިކޮޅުން ބުނާ ގޮތުގައި ރާއްޖޭގައި އިންޑިއާގެ ޓީޗަރުންނާއި، ޑޮކްޓަރުން އަދި ނަރުހުން ތިބުމާވެސް އިދިކޮޅުން ދެކޮޅެއް ނޫނެވެ.
ޚިޔާލު (1)
އަހަރުމެނަށް ލިޔަން ކިޔަން ނޭގެނީދޯ. ކަޑައެޅިގެން އިންޑިއާ އައުޓުޖަހާފައިންނަނީ. ކީއްވެބާ އިނަޑިއާ މިލިޓަރީ އައުޓުޖަހަން ނުކެރެނީ.