ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި ސަރުކާރު ދެމި އޮންނާނެ ކަމުގަ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު، މިފަދައިން ވިދާޅުވީ، ޒުވާނުންގެ ދުވަހުގެ މުނާސަބާގައި ފޮނުއްވި ޚާއްސަ މެސެޖުގައެވެ. އެ މަނިކުފާނު ވިދާޅުވީ، ދިވެހި ޒުވާނުންނަކީ ގައުމުގެ އެންމެ ބޮޑު އެއް ބާރުކަމަށާއި، އަދި އެ މަނިކުފާނު ވަނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އިތުރަށް ވިދާޅުވީ، ދިވެހި ޒުވާނުންގެ އުފެއްދުންތެރިކަމާއި، ކަންކަން ހާސިލްކުރުމުގައި ކެތްތެރިވާ މިންވަރާއި ސާބިތުކަމަކީ ރާއްޖޭގެ މުޖުތަމައުތަކާއި މުޅި ގައުމު ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް %45 އަކީ ޒުވާނުންކަމަށްވާއިރު، އެމީހުންގެ ހުވަފެންތަކާއި ލަނޑުދަނޑިތަކަކީ ޤައުމުގެ މުސްތަޤުބަލު ބިނާކޮށްދޭނެ މުހިންމު އަސާސެއްކަމަށެވެ. އެހެންކަމުން ޒުވާނުންނަށް ބޭނުންވާ މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި ހުނަރުތައް ތަރައްޤީކުރުމާއި ވަޒީފާގެ ފުރުޞަތުތައް މި ސަރުކާރުން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
މީގެ އިތުރުން، ތައުލީމީ މަރުހަލާ ނިންމުމަށްފަހު ވަޒީފާގެ މައިދާނަށް ނުކުތުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ "ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް" އާއި "ނޭޝަނަލް ސާވިސް ޕްރޮގްރާމް" ފަދަ މަޝްރޫއުތަކަކީ ޒުވާނުން ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހި ޒުވާނުންގެ އަތްމަތީގައި، ރާއްޖޭގެ މިހާރުގެ އަދި މުސްތަޤްބަލަށް ފާގަތިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ލިބިގެންދާނެކަމަށް ޔަޤީން ކުރައްވާކަމުގައިވެސް ވިދާޅުވެފައިވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.