ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން މިމަހުގެ 14 އިން 15 އަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހަމަޖައްސައިފިއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، ދީނީ މުހިއްމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މުހިއްމު ހަރަކާތެކެވެ.
މި ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު އޮންނާނީ އޮގަސްޓް 14 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ހަމަޖެހިފައިވަނީ ސަޢުދީ އަރަބިއްޔާގެ ކިންގް ފަހަދު ޔުނިވަރސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްގެ ޕްރޮފެސަރ ޑޮކްޓަރ މުސްފިރު ބިން އަލީ އަލްޤަޙްޠާނީ އެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމުގެ މައިގަނޑު ތީމަކީ "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" އެވެ. މި ޕްރޮގްރާމުގެ އެކި ދަންފަޅިތަކުގައި ދީނީ އެކި މުހިއްމު މަޢުޟޫއުތަކަށް ބަހުސް ކުރުމާއި، ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.
ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އަދި 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ކާމިޔާބުކަމާއެކު ބާއްވާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ މެދުގައި ގުޅުން ބަދަހިކޮށް، ދީނީ ކަންކަމުގައި އެއްބަސްވެވޭ އުސޫލުތަކަކަށް މަގުފަހިކުރުމަށް ބާއްވާ މުހިއްމު ބައްދަލުވުމެކެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.