ރާއްޖެ ޓީވީން ދައްކާ ރިއަލިޓީ ޝޯވ "ސެލެބްރިޓީ ރޭސް2"ގެ ބައިވެރިން ދައްކާލައިފިއެވެ.
މިދިޔަ އަހަރު ރޯދަމަހު ރާއްޖެ ޓީވީން ގެނެސްދީފައިވާ ރިއަލިޓީ ޝޯ "ސެލެބްރިޓީ ރޭސް" ގެ ދެވަނަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރު ރޯދަމަހުގައެވެ. މިޝޯގެ ދެވަނަ ސީޒަންގެ ބައިވެރިންގެ ނަންތައް ރާއްޖެ ޓީވީން މިވަނީ ހާމަކޮށްފައެވެ.
އެގޮތުން މިފަހަރު ސީޒަންގެ ބައިވެރިންނަށް ބަލާލާއިރު ފިލްމީ ތަރިންގެ އިތުރުން މޮޑެލްކުރުމުގެ ދާއިރާގައި އުޅޭ ފަރާތްތަކާއި ޓީވީ ޝޯތައް ހުށަހަޅައިދޭ ފަރާތްތައްވެސް ހިމެނެއެވެ.
ބެލުންތެރިންގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ މިޝޯގެ ދެވަނަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ 11 ފަންނާނުންނާއި އެކުގައެވެ.
ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަންގެ ބައިވެރިންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި ރިޝްމީ އާއި އައްޒަ އަދި ފުބޫ ފެނިގެންދާނެއެވެ. މީގެ އިތުރުން ރޯމަން، ދޮނާ، އިފްނާޒް އަދި ފަރީލާގެ އިތުރުން، މޮޑެލިންގ ދާއިރާގައި ޙަރަކާތްތެރިވާ ނޫރު އަދި ޓީވީ ޝޯވް ހުށައެޅުންތެރިންގެ ތެރެއިން ޝަބާ އަދި ސުހާ އާއި، ކޮރިއޯގްރަފީގެ ދާއިރާއިން މަޤްބޫލުކަން ހޯދާފައިވާ ރިޗާރޑު މިސީޒަންގައި ފެނިގެންދާނެއެވެ.
ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ރިއަލިޓީ ޝޯ "ސެލެބްރިޓީ ރޭސް"ގެ ފުރަތަމަ ސީޒަން ކުރިޔަށް ގެންދެވުނީ ދ.އަތޮޅުގެ ފަޅު ރަށެއްގައި އެމްއެންޑީއެފްގެ އެހީތެރިކަމާއެކުގައެވެ. އެސީޒަންގެ ކޯ ހޯސްޓެއްގެ ގޮތުގައި ފެނިގެން ދިޔައީ ރާއްޖޭގެ މަޝްހޫރު ފިލްމީތަރި އަލީ ސީޒަންއެވެ.
މިޝޯ ފޭސްބުކް މެދުވެރިކޮށް 3 ލައްކައަށްވުރެ ގިނަ މީހުން ބަލާފައިވުމަކީ މިޝޯއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެކެވެ.
2021 ވަނަ އަހަރުގެ ރަމަޟާން މަހަށް ޚާއްސަކޮށް ރާއްޖެޓީވީން ގެނެސްދިން ޕްރިސްޓަރ އޮއިލް ސެލެބްރިޓީ ރޭސް ސީޒަން 1 ގެ ޗެމްޕިއަން ޓީމަކަށް ހޮވިފައިވަނީ ނާޝިދާ މުހައްމަދު (ނާއްކޮ) އާއި، އިސްމާއިލް ޖުމައިހު (ޖުމާ)އެވެ. އެދެމީހުންނަށް ގްރޭންޑް ޕްރައިޒް ގޮތުގައި ޖީއެން ސައިކަލަކާއި، ސްކޫޕީ ސައިކަލެއް ދީފައިވެއެވެ. އަދި މި ސީޒަނުގެ ރަނަރ އަޕް ޓީމަކަށް ޖާދު އާއި ޝަރާ ހޮވިފައިވާއިރު، 3 ވަނަ ޓީމަކަށް ހޮވިފައިވަނީ އާނަންދު އަދި ޝިފާގެ ޓީމެވެ. މި ޝޯވގެ ތެރެއިން އަނިޔާވި މަނިކުއާއި އޭނަގެ ޕާޓްނަރ އާޝާ ވަނީ މި ސީޒަނުގެ 4 ވަނައަށް ހޮވިފައެވެ. މަނިކުއާއި އާޝާއަށް 4 ވަނަ ލިބިފައިވީނަމަވެސް، މި ސީޒަނުގެ "ބެލުންތެރިންގެ މެދުގައި އެންމެ މަގްބޫލު ޓީމް" އަކަށް ހޮވިފައިވަނީ މަނިކާއި އާޝާގެ ޓީމެވެ.
ސެލެބްރިޓީ ރޭސް ސީޒަން 2 ގެ މެއިން ހޯސްޓެއްގެ ގޮތުގައި ރާއްޖެޓީވީގެ ޕްރޮގްރާމް ހެޑް އަދި ރާއްޖޭގެ މަޤްބޫލު ޕްރެޒެންޓަރެއް ކަމަށްވާ އާމިރު ސަލީމު ފެނިގެންދާއިރު ކޯ ހޯސްޓެއްގެ ގޮތުގައި ފެނިގެންދާނީ އެމްއެންޑީއެފްގެ ބޭކަނބަލެއްކަމަށްވާ ހައްވާ ނަޖްލާއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.