ޖެނުއަރީ 2022 ގައި، 151 މީހެއްގެ މައްޗަށް 46 ބާވަތުގެ 224 ޖިނާއީ ދައުވާ ތަފާތު 36 ކޯޓަކަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން ވިދާޅުވެއްޖެއެވެ. ޕީޖީ އޮފީހުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ މަހުނއެންމެ ގިނަ މައްސަލަތައް ހުށަހަޅާފައިވަނީ ކްރިމިނަލް ކޯޓަށް ހުށަހެޅުނު 97 މައްސަލައާއި، ޑްރަގް ކޯޓަށް 47 މައްސަލައާއި ހުޅުމާލޭ ކޯޓަށް 16 މައްސަލައެވެ. ތުހުމަތުކުރެވޭ މީހުންގެ އެވްރެޖް ޢުމުރަކީ 29.97 އަހަރެވެ. އެއްދުވަހަކަށް، އެންމެ ގިނައިން މައްސަލަ ހުށަހެޅުނީ 13 ޖަނަވަރީ 2022 (ބުރާސްފަތި) ދުވަހު ހުށަހެޅި 23 މައްސަލައެވެ. އެއަށްފަހު، 3 ޖަނަވަރީ 2022 (ހޯމަ) ދުވަހު ހުށަހެޅި 20 މައްސަލައެވެ.

ކްރިމިނަލް ކޯޓަށް އެންމެ ގިނައިން ހުށަހެޅިފައި އޮތީ، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ މައްސަލައެވެ. އެއީ 14 މައްސަލައެވެ. އަދި ހުއްދަނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ 11 މައްސަލަ އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުން 12 މައްސަލަ އެވެ.

މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި، ހޮސްޕިޓަލިޓީ ޑިޕޮޓް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން، މީރާއަށް ހުށަހެޅި ޓެކުހާގުޅޭ ލިޔުންތަކެއް އޮޅުވާލިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 7 ދަޢުވާއެއް ހުށަހެޅިފައިވާކަމަށްވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަމިއްލަ ބްލޮގް ގައި އާންމުކޮށްފައިވާ ޕީޖީ އޮފީހުގެ ތަފާސް ހިސާބުތަކުގައި ބުނެފައިވެއެވެ.