ދިވެހިރާއްޖެއާ ތުރުކީވިލާތާ ދެމެދު، ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް، (ޕީޓީއޭ)އަށް އަމަލުކުރަން ފެށުމާ އެކު، ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރައިގެން ދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން ޒާމިރު ވިދާޅުވެއްޖެއެވެ.
އޯގަސްޓް 1 ވަނަ ދުވަހު ޢަމަލުކުރަން ފެށި ޕީޓީއޭއަކީ ދެ ޤައުމު ދެމެދު މަޝްވަރާ ކުރެވި ކަނޑައެޅި ވަކި ބާވައްތަކުގެ މުދަލުން ޑިއުޓީ މަޢާފް ކުރުމަށް ސޮއިކުރެވިގެން ދިޔަ އެއްބަސްވުމާއެކު، ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ބޭނުންކުރާ އައިޓަމްސްތަކާއި، އާލާތްތައް މި އެގްރިމަންޓްގެ ތެރެއިން އިމްޕޯޓްކުރާނަމަ އެއްވެސް ޑިއުޓީއަކާއި ނުލައި އެތެރެކުރެވޭނެކަމަށެވެ.
ބައިނަލްއަޤްވާމީ ގޮތުން ބަލާ ކަސްޓަމްސް މިނގަނޑުތަކުން މުދަލުގެ 75 ގިންތިއަކުން މި އެއްބަސްވުމުގެ ދަށުން ލުއި ލުއި ލިބޭއިރު، ތުރުކީވިލާތަކީ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަމުގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ގައުމަކަށްވާތީއާ އެކު ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ސިނާއަތް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް މި އެއްބަސްވުމުގެ ސަބަބުން ފައިދާކުރާނެކަމަށް ޒާމިރު ވިދާޅުވިއެވެ.
މި އެއްބަސްވުމުގެ ދަށުން ކޮލެޓީ ރަނގަޅު މެޝިނަރީ ތުރުކީވިލާތުން އެއްވެސް ޑިއުޓީއަކާނުލާ އެތެރެކުރެވޭނެކަމަށާ އޭގެތެރޭގައި ހައިޑްރޯފޮނިކްސް ސިސްޓަމްތަކާއި ދަނޑުވެރިކަމުގައި ބޭނުންކުރާ އެކިކަހަލަ ބޭސްތައް ލިބޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިމަހުގެ 1 ވަނަ ދުވަހު އަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ އިމްޕޯޓަށްވެސް އޭގެ ފައިދާ ކުރާނެއެވެ. މިހާރު ތުރުކީވިލާތާއި ރާއްޖެ ދެމެދު ކުރެވޭ ވިޔަފާރި ގާތްގަނޑަކަށް 70 މިލިޔަން ޑޮލަރަށް އަރައެވެ.ތުރުކީވިލާތުގެ އުފެއްދުންތަކުގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ 404 ބާވަތެއްގެ މުދަލުން ޑިއުޓީގެ ލުއިތައް ލިބެއެވެ. އަދި މީގެ ތެރެއިން ދެ ބައިކުޅައެއް އެއްބައެއްހާ މުދަލަށް ޑިއުޓީ އެއްކޮށް ކެނޑިގެންދާނެއެވެ. މިއީ ދުނިޔޭގެ އިތުރު ސަރަހައްދަކުން ރަނގަޅު ފެންވަރުގެ މުދާ ދިވެހިރައްޔިތުންނަށް ފޯރުކޮށްދިނުމަށް ލިބިގެންދާ ފުރުސަތެކެވެ.








ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.