ޅ.ކުރެންދޫ ކައުންސިލް ރައީސްގެ މަޤާމު ހުސްވުމާއި ގުޅިގެން އެމަޤާމަށް ކުރިމަތިލައްވާ އެމްޑީޕީ އަދި ޕީޕީއެމްގެ ކެނޑިޑޭޓުންގެ ނަން ހާމަކޮށްފިއެވެ.
ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް ސިމާއު ވަނީ އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން ކައުންސިލްގެ ރައީސެއް ހޮވުމަށްޓަކައި ބާއްވާ ބައި އިލެކްޝަން އަންނަ މާރޗްމަހު 26 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމަޤާމަށް ކުރިމަތިލައްވަން އިލެކްޝަން ކޮމިޝަނުން (އީސީ) އިއުލާންކޮށްފައިވާއިރު ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަހެވެ.
މިމުއްދަތު ހަމަނުވަނީސް އެންމެ ވަރުގަދަ ދެޕާޓީ ކަމަށްވާ ވެރިކަން ކުރާ އެމްޑީޕީ އަދި ޕީޕީއެމުން ވަނީ އެދެޕާޓީގެ ކެނޑިޑޭޓުންގެ ނަން ހާމަކޮށްފައެވެ. އަނެއްކާވެސް ގަދަ ހިފުމަކަށް ދެޕާޓީ ނުކުތީއެވެ. ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ގަދަ ހިފުމަކުން ހިފައި އެމްޑީޕީން ވަނީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައެވެ.
ކުރެންދޫ ކައުންސިލް ރައީސްގެ މަޤާމަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލެއްވީ މީގެކުރިންވެސް އެކައުންސިލްގެ ރައީސްކަން ކުރެއްވި އިސްމާއީލް މަދީހުއެވެ.
އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައަޅަން ބާއްވާ ޕްރައިމަރީން ކުރިމަތިލެއްވީ ޅ. ކުރެންދޫ، ރީހުއްސަބާ، އަލީ ނަސީމް އެކަންޏެވެ.
އީސީން ވިދާޅުވީ މިމަޤާމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކޮމިޝަންގެ ވެބްސައިޓް www.elections.gov.mv އިން ލިބެން ހުންނާނެ ކަމަށާއި އަންނަ ބުރާސްފަތި ދުވަހު މެންދުރު 2 ގެ ކުރިން ފޯމު ހުށަހެޅުމަށެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.