މިދިޔަ އާދީއްތަ ދުވަހު މާލޭގައި ހިނގާދިޔަ ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި މާލޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ވިލިމާލެ ދާއިރާގެ މެމްބަރު އައިމިނަތު އީމާން (އީމާ) ގެ އާއިލާއަށް އޭނަގެ އެލަވަންސް ދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ.
ސިޓީ ކައުންސިލުން ވިދާޅުވީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ ހުށަހެޅުމަށް އީމާންގެ ދައުރު ހަމަވަންދެން ކޮންމެ މަހަކު 5000ރ.ގެ އެލަވަންސެއް ދޭން ނިންމާފައިވާ ކަމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނަށް ކޮންމެ މަހަކު ވެސް 5000ރ.ގެ އެލަވަންސެން މިހާރު ދެއެވެ.
މިދިޔަ އާދީއްތަ ދުވަހު ސައިކަލުގައި ދަނިކޮށް ބަމްޕަރެއްގެ މައްޗަށް އެރިތަނުން ސައިކަލް ކަހާލައިގެން ވެއްޓި އީމާއަށް ލިބުނު ސީރިޔަސް އަނިޔޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް އީމާ ވަނީ ނިޔާވެފައެވެ.
އީމާ ނިޔާވި އިރު އޭނާގެ ހަ އަހަރުގެ ފިރިހެން ދަރިއަކާއި ހަތް އަހަރުގެ ފިރިހެން ދަރިއަކު ދުނިޔޭގައި އެބަތިއްބެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.