ރާއްޖެ ހިމެނޭހެން ގިނަ ޤައުމުގެ ކަސްޓަމަރުންގެ އަތުން އެތައް މިލިޔަން ޑޮލަރު ހޯދުމަށްފަހު ޓްރެވަލް އެޖެންޓަކު ފިލައިފިއެވެ.
އެތައް ޤައުމެއްގެ ފަތުރުވެރިންނަށް ދަތުރުތައް ވިއްކާފައި ޑޮލަރު ހިފައިގެން ފިލި އެޖެންޓަކީ ދެކުނު އެފްރިކާގެ އަންހެނެއް ކަމަށްވާ ތަސްނީމް މޫސާއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ތަސްނީމް އަކީ "ހެލޯ ޑާލިންގ" ނަމަކަށް ކިޔާ ކުންފުންޏެއްގެ ސީއީއޯއެވެ. އެކުންފުނިން ވަނީ ފަތުރުވެރިން ރާއްޖޭގެ އިތުރުން މޮރިޝަސް، ތުރުކީވިލާތް އަދި ދުބާއީ އަށް ދަތުރު ކުރަން ތަފާތު ޕެކޭޖްތައް ވިއްކައި، އެފަތުރުވެރިންގެ އަތުން އެތައް މިލިއަން ޑޮލަރެއް ނަގާފައެވެ.
މީގެއިތުރުން އޭނާ އާއި ދެކޮޅަށް ދެކުނު އެފްރިކާގެ ފުލުހުންނަށް މިހާރު އެތައް ސަތޭކަ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް މީޑީޔާ ރިޕޯޓްތަކުގައި ބުނެފައިވެއެވެ. އެހެންކަމުން ދެކުނު އެފްރިކާގެ މީޑީޔާތަކުގައި ވަނީ ތަސްނީމްގެ ފޮޓޯ އާންމުކޮށް އޭނާ ހޯދުމަށް ވަނީ އިއުލާންކޮށްފައެވެ.
ތަސްނީމްގެ ކުންފުނިން ވަނީ ފަތުރުވެރިންނަށް ހެޔޮއަގުގައި ޑިސްކައުންޓާއެކީ ޕެކޭޖްތައް ތާރަފްކޮށްފައެވެ. އެޕެކޭޖްތަކުގެ ދަށުން ރާއްޖެ އާއި މޮރިޝަސް އަށް ދަތުރުކޮށް އަދި ތުރުކީވިލާތުގެ ހޮޓް އެއާ ބެލޫން ދަތުރު ކުރުމަށާއި ދުބާއީގައި ޗުއްޓީ ހޭދަކޮށްލުމަށް ގިނަ ބަޔަކު ވަނީ ލާރި ދައްކާފައެވެ. އަގުބޮޑުކަމުން ދަތުރު ނުކުރެވި ތިބި އެތައް ބަޔަކު ވަނީ ޗުއްޓީ ހޭދަކުރުމަށް ތަސްނީމްގެ ކުންފުނީގެ ޕެކޭޖްތައް ނަގާފައެވެ.
އެހެންނަމަވެސް އެމީހުންނަށް ރިފަންޑުވެސް ނުދީ ތަސްނީމް ވަނީ ފިލާފައެވެ. ދަތުރުކުރާ ދުވަސް ޖެހުމުން ބަލާލިއިރު ޓިކެޓް ލިބިފައި ނެތެވެ. އެމީހުންނަށް ބުކް ކޮށްފައި ހުންނާނެ ކަމަށް ތަސްނީމްގެ ކުންފުނި ބުނި ރިސޯޓްތަކަށް ކަސްޓަމަރުން ގުޅުމުން އެމީހުންގެ ނަމުގައި އެއްވެސް ރޫމެއް ބުކް ކޮށްފައި ނެތްކަމަށް ރިސޯޓްތަކުން މައުލޫމާތު ދީފައިވެއެވެ. އެކުންފުނީގެ ވެބްސައިޓަށްވެސް މިހާރު ނުވަދެވެއެވެ. މުވައްޒަފަކަށްވެސް ނުގުޅެއެވެ. އަދި އެއޮފީސް ހުންނަތަނެއް އެނގޭ މީހަކު ނެތްކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.