ގދ.ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދުވަސްނުފުރާ ވިހެއި އެއްމާބަނޑު ދެކުދިންވެސް ނިޔާވެއްޖެއެވެ.
ބަޑަށް ހަތް މަހުގައި ވިހެއި ދެކުދިންގެ ތެރެއިން އެއްކުއްޖަކު މިއަދު ހެދުނު ނިޔާވެފައިވާއިރު ދެވަނަ ކުއްޖާވެސް މިއަދު ހަވީރުވަނީ ނިޔާވެފައެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެމުން ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފައިވަނީ މާބަނޑު އަންހެނަކު ދުވަސްނުފުރާ އެއްމާބަނޑު ދެކުދިން ވިހާފައިވާ ކަމަށާއި، ވިހެއި އިރުވެސް އެއް ކުއްޖަކު ނިޔާވެފައިވާ ކަމަށާއި، ދެވަނަ ކުއްޖާއަށް ވެސް އިމަރޖެންސީގައި ފަރުވާދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
ވިހެއި އިރުވެސް ހާލު ދެރަވެގެން އިމަރޖެންސީގައި ފަރުވާ ދެމުންދިޔަ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވަނިކޮށް މިއަދު ހަވީރު 5:30 ގައި އެކުއްޖާ ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އާމިނަތު އަބްދުލް ހަކީމް ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
https://huvadhoomedia.com/20823/
އާމިނަތު ވިދާޅުވި ގޮތުގައި ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް ނެތި މާބަނޑު މީހާ އިމަޖެންސީކޮށް ވިހަން ޖެހުމުން ގއ.ވިލިނގިލީ ހޮސްޕިޓަލުގައި ހުންނެވި ހޭނައްތާ ޑޮކްޓަރު ވަގުތުން މިކޮޅަށް ގެނައީއެވެ. އަދިި އަންނަ އަންގާރަ ދުވަހު ހޮސްޕިޓަލަށް ހޭނައްތާ ޑޮކްޓަރެއް އަންނާނެ ކަމަށް އާމިނަތުވަނީ މައުލޫމާތު ދީފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މާބަނޑު ދެކުދިން ވިހާފައިވަނީ ތިނަދޫ މީހަކާއި އިނދެގެން އުޅޭ ގދ.މަޑަވެލީ އަންހެނެކެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.