ގއ ދާންދޫގައި އީދު ކުލަ ޖެހުމުގެ ތެރޭގައި، އަންހެނަކަށް އަނިޔާކޮށް ޖިންސީގޯނާ ކުރިކަމަށް ދެކެވޭ ވާހަކަތައް ފިރިހެން ކުއްޖާގެ އާއިލާއިން ދޮގުކޮށްފިއެވެ.
މިކަމާ ގުޅިގެން "ހުވަދޫ ނިއުސް" އަށް މައުލޫމާތުދެއްވަމުން ފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އެކަން ހިނގާފައިވަނީ، ކުލަ ޖަހަން އުޅުމުގެ ތެރޭގައިކަމަށާއި، އަނިޔާކޮށް ޖިންސީ ފުރައްސާރަ ކޮށްފައި ނުވާކަމަށެވެ.
އެފަދަ ގޮތަކަށް ނޫސްތަކުގައި ފިރިހެއްން ކުއްޖާގެ ބަހެއް ނެތި ބަދުނާމުކޮށް ވާހަކަ ދެއްކުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އޭނާ ބުނީ ކުލަ ޖެހުމުގެ ތެރޭގައި އަނިޔާއެއް ވެފައި ހުރެދާނެ ކަމަށާ ނަމަވެސް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނެ ނޫސްތަކުގައި ޖަހާފައިވާ ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކަ ތަކެއް ކަމަށެވެ.
މިކަމާ ގުޅިގެން އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ނައިބު ރައީސާ މުޒައިނާ އަށް ހުވަދޫ ނިއުސް އިން ގުޅާލުމުން ވިދާޅުވީ، ފުރަތަމަ ފިރިހެން ކުއްޖާގެ ގަޔަށް ކުލަ ޖެހީ އޭނާ ކަމަށާއި، ކުލަ ޖެހުމުން ފިރިހެން ކުއްޖާގެ ފަރާތުން ހަޑިހުތުރު ބަސްތަކެއް އޭނާ އަށް އަމާޒުވުމުގެ އިތުރުން ކުލަޖަހަން އުޅުމުގެ ތެރޭގައި އޭނާއަށް އަނިޔާ ކޮށްފައިވާ ކަމަށެވެ. އެގޮތުން ބުރަކަށީގައި ގޮށްމުށުން ޖަހާފައިވެއެވެ.
އަދި ކުލަޖެހުމުގެ ތެރޭގައި މާޒިންގެ ފޯން ތަޅައިގެންގޮސް މުޒައިނާގެ އަތުން މާޒިންގެ ކަރުގައި ވަކި އެޅި ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، ކުލަ ޖަހައި ނިމިގެން އައި އިރުވެސް އޭނާ އަތުގައި ފޯން އޮތްކަމަށްވެސް މުޒައިނާ ވިދާޅުވިއެވެ.
ނަމަވެސް އޭނާއަށް ޖިންސީ ގޯނާ ކުރިކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށްވެސް މުޒައިނާ ވިދާޅުވިއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.