1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް މުޢިއްޒަކީ ޕްރޮކިއުމަންޓް ޕްރޮސެސްގެ ތެރެއަށް ވަދެވަޑައިގެން، ނުފޫޒު ފޯރުވާ ބޭފުޅެއް ނޫން، އެކަމުގެ ޔަޤީންކަން ދެން : މުޖޭ

މުޖުތަބާ ޖަލީލް (މުޖޭ)
މަރްޔަމް ޝަފާ ސައީދު
378ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެ ސިޓީ ކައުންސިލްގެ ލިޔެކިޔުންތައް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢު "އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑް" އާ ޙަވާލުކުރުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް، އެ ދުވަސްވަރު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގައި ހުންނެވި، މުޖުތަބާ ޖަލީލް (މުޖޭ) ދޮގުކުރައްވައިފިއެވެ.

މުޖުތަބާ މިކަން ހާމަކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި ހިންގި މި މަޝްރޫޢަކީ އެމަނިކުފާނުގެ ގާތް ބޭފުޅަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގި ކަމެއް ކަމަށް ބުނެ، އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ފާސްކުރުމާ ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މުޖުތަބާ ވިދާޅުވީ، އެކިއުޓައިޒް ޕްރައިވެޓް ލިމިޓެޑަކީ ރައީސް ޑރ. މުޢިއްޒާ އެއްވެސް ވަރެއްގެ ގުޅުމެއް އޮތް ކުންފުންޏެއް ނޫންކަން ކަށަވަރުކޮށްދެއްވާ ކަމަށެވެ. އަދި މޭޔަރުގެ މަޤާމުގައި ހުންނެވިއިރު، ކައުންސިލުން ކުރިއަށްގެންދާ އެއްވެސް މަޝްރޫޢެއްގެ ޕްރޮކިއުމަންޓް މަރުޙަލާގެ ތެރެއަށް ރައީސް މުޢިއްޒު ވަދެވަޑައިގެން ނުފޫޒު ފޯރުވާފައި ނުވާކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.

300 × 250

"އަޅުގަނޑަކީ 2021 ނޮވެމްބަރުން 2023 ނޮވެމްބަރަށް މާލެ ސިޓީ ކައުންސިލްގެ އެސްޖީ. ރައްޔިތުންގެ މަޢުލޫމާތަށްޓަކައި އެކަން ހާމަކުރަން. މާލެ ސިޓީ ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢަކީ ކައުންސިލްގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (SAP) ގެ މައިގަނޑު އެއް ސްޓްރެޓެޖީ،" މުޖުތަބާ ލިޔުއްވާފައިވެއެވެ.

އޭނާ އިތުރަށް ބަޔާންކުރެއްވި ގޮތުގައި، މި މަޝްރޫޢަކީ ކައުންސިލްގެ ހުރިހާ މެންބަރުންގެ އިއްތިފާޤުން ކައުންސިލް ފްލޯއިން ފާސްކޮށްގެން ކުރިއަށްގެންދިޔަ މަސައްކަތެކެވެ. އަދި މަސައްކަތް ކުރާނެ ފަރާތެއް ކަނޑައެޅީ ކަނޑައެޅިފައިވާ ޕްރޮކިއުމަންޓް އުޞޫލުތަކުގެ ތެރެއިން އިޢުލާންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް ކައުންސިލަށް ހުށަހެޅުއްވީ މެންބަރު ޒާހިޔާ ނަޞީރެވެ. ޒާހިޔާ ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާއިން 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވަނީ ޑރ. މުޢިއްޒުގެ ގާތް ބޭފުޅަކަށްކަން ސާބިތުވާ ކަމަށެވެ. ކައުންސިލުން ވަނީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤުކުރުމަށް އޭސީސީއަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އަށް ދެންނެވުމަށް ވެސް ފާސްކޮށްފައެވެ. އެއީ ޕީޖީން އަމުރުކުރާ މައްސަލަތައް އޭސީސީން އިސްކަންދީގެން އަވަހަށް ބަލާ އުޞޫލެއް ދާދިފަހުން އެކުލަވާލާފައިވާތީއެވެ.

މުޖުތަބާ ޖަލީލަކީ މާލެ ސިޓީ ކައުންސިލްގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން، އެ ދުވަސްވަރު ހިނގި ހުރިހާ މަރުޙަލާއެއް ޤާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް ހިނގާފައިވާކަން ސާފުކޮށްދެއްވި ބޭފުޅާއެވެ. ދެ ފަރާތުގެ ބަސް މިހާރު އާންމުވެފައިވާއިރު، މި މައްސަލައިގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވޭތޯ ކަނޑައަޅާނީ ތަޙުޤީޤީ އިދާރާތަކުންނެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި