ފުލުހުންގެ ގާބިލުކަން އިތުރުކުރުމަށް ޗައިނާއާ ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ، ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކޮންގް ސިއަންހުއާއާ އެކު ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގައި ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުކުރެއްވުމަކީ، ޗައިނާ ސަފީރު ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެކެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި، ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ބަދަހި ގުޅުމާއި އެކި ދާއިރާތަކުން ދެމުންގެންދާ އެއްބާރުލުން ފާހަގަކުރައްވައި، ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށް ޗައިނާ ސަރުކާރުން ދެއްވާ އެހީތެރިކަމަށްޓަކައި ކޮމިޝަނާ އޮފް ޕޮލިސް ޝުކުރު އަދާކުރެއްވި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ފުލުހުންގެ މުއައްސަސާގެ ގާބިލުކަން އިތުރުކުރުމަށާއި، އޮޕަރޭޝަނަލް ރެޑިނަސް ހަރުދަނާކުރުމަށްޓަކައި ކުރިއަށް އޮތް ތަނުގައި ގުޅިގެން ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކުރެއްވި ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.