1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މަދަނީ އިޖުރާއަތު ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ޓާސްކް ފޯސްއެއް

AG
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު
މުހައްމަދު އަޚްތަރު
606ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ތައްޔާރީތަކަށް ޓާސްކްފޯހެއް އެކުލަވާލާނެ ކަމަށް އެޓަރނީ ޖެނަރަލް (އޭޖީ) އޮފީހުން ބުނެފިއެވެ.

މަދަނީ އިޖުރާއަތުގެ ގާނޫނަކީ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ މައްސަލަތަކުގެ ޝަރީޢަތުގެ ކުރީގެ އިޖުރާއަތުތަކާއި، އެފަދަ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތައް ހިނގާނެ ގޮތާއި، އެފަދަ މައްސަލަތަކުގެ މައްޗަށް ހިނގާނެ ހެކީގެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މަދަނީ އިޖުރާއަތުގެ ބިލު"، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 16ގައެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރާތާ ހަ މަސް ފަހުންނެވެ. އެހެންކަމުން އެ ގާނޫނަށް އަމަލު ކުރަން ފަށަނީ މިއަހަރުގެ ޖޫން 16 ވަނަ ދުވަހުއެވެ.

300 × 250

އެޓަރނީ ޖެނަރަލްގެ އޮފީހުން ބުނީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން، ކަމާގުޅޭ ޕްރޮގްރާމްތަކެއް ރާވައި ހިންގުމުގެ މަސައްކަތް، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)ގެ އެހީއާ އެކު ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެ ޤާނޫނުން އަލަށް ތަޢާރަފުކުރާ މަފްހޫމްތަކަށާއި އިޖުރާއަތުތަކަށް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާގެ ކަމާބެހޭ ފަރާތްތައް އަހުލުވެރިކޮށް، އެ ޤާނޫނުގެ ދަށުން އެކުލަވާލަންޖެހޭ އުސޫލުތައް އެކުލަވާލައި، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްޓަކައި ވާންޖެހޭ އެނޫންވެސް ތައްޔާރީތައްވުމަށް އޭޖީ އޮފީހުން ޤަޞްދުކޮށްފައިވަނީ، ޖުޑިޝަރީގެ ކަމާބެހޭ ކޯޓުތަކާއި އިދާރާތަކާއި، ޤާނޫނީ ވަކީލުންގެ ބައިވެރިވުމާ އެކުގައެވެ. އެގޮތުން އެ ދާއިރާތައް ތަމްސީލުވާ ގޮތުގެމަތިން ޓާސްކްފޯސްއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ކަމާގުޅޭ މަސައްކަތްތައް، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށް އޭޖީ އޮފީހުން ހަމަކުރެއެވެ.

މަދަނީ އިޖުރާއަތުގެ ޤާނޫނަކީ މަދަނީ މައްސަލަތަކާމެދު ގޮތެއް ނިންމުމުގައާއި، ޝަރީޢަތް ނިމި ޙުކުމް ތަންފީޛުކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތުތަކާއި، އެނޫންވެސް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގެ މަދަނީ އިޖުރާއަތާބެހޭ ޢާންމު އުސޫލުތައް ބަޔާންކޮށްދޭ، ރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާކޮށްދޭނެ މުހިއްމު ޤާނޫނެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި