އަންނަ އަހަރުގެ ނިޔަލަށް 500 އެއްހާ ތަރައްޤީގެ މަޝްރޫޢު ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީ ވިދާޅުވެއްޖެއެވެ. އެމްޓީސީސީން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ހިންގަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ސަޢުދީ ވިދާޅުވީ، އެ ކުންފުނިން މިހާރުވެސް 719 މަޝްރޫޢެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްގެންދާ ކަމަށެވެ. މީގެ އިތުރުން 587 މަޝްރޫޢެއްގައި ސޮއިކޮށް، އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން 28 މަޝްރޫޢެއް މިއަހަރުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ.

އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ "2027 ވަނަ އަހަރު ނިމެންވާއިރަށް 500 އާ ގާތްކުރާ އަދަދަކަށް މަޝްރޫޢުތައް ނިންމަންޖެހޭ" ކަމަށެވެ. ޚާއްސަ ގޮތެއްގައި އަންނަ ދިރާސީ އަހަރަށް ތަޢުލީމީ ދާއިރާގެ މަޝްރޫޢުތައް ނިންމުމަށް އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަޢުދީ އިތުރަށް ވިދާޅުވީ އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫޢުތައް ނިންމަން ޖެހޭ އަހަރު ކަމަށްވާތީ، އެ މަސައްކަތްތައް ތަރުތީބުކޮށްގެން ކުރިއަށްގެންދާ ކަމަށެވެ. އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެމްޕެއިންގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތަކާ ގުޅޭ މަޝްރޫޢުތައްވެސް ހިމެނެއެވެ.

ނިމިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މި އަހަރުގެ ނޮވެމްބަރު 17 އާ ހަމައަށް އެމްޓީސީސީން ވަނީ ޖުމްލަ 50 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބަނދަރު ހެދުމުގެ މަޝްރޫޢުތަކެވެ. އެގޮތުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ 14 މަޝްރޫޢަކާއި ބަނދަރު ހެދުމުގެ 10 މަޝްރޫޢެއް ވަނީ ނިންމާލާފައެވެ.