އެމްޑީޕީއާއި ސަރުކާރު އަދި ދައުލަތަށް ރައްޔިތުން ކުރައްވާ އިތުބާރު ގެއްލުނަ ނުދޭން އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއަށް އިލްތިމާސްކޮށްފިއެވެ. ހަސަން ލަތީފް މިހެން ވިދާޅުވީ، ރައީސް އޮފީހުގެ އޮފިޝަލް ޓުވިޓާ އެކައުންޓުން މީގެ ކުރިން އެމްޑީޕީގެ ޗެއަރޕަރސަން ކަމުގެ އިންތިހާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއަށް ތާއީދުކޮށް ޖަހާފައިވާ ޓުވީޓެއްގެ މައްސަލަ ފެންމަތިވެފައިވަނިކޮށް މިއަދު އަނެއްކާ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ އަމިއްލަ ޓުވިޓާ އެކައުންޓުން މީސްމީޑީއާ އެކްޓީވިސްޓް ލޫކަސް ކުރެއްވި ޓުވީޓަކަށް ދެއްވާފައިވާ ރައްދަކާއި ގުޅިގެންނެވެ. އެގޮތުން ހަސަން ލަތީފްގެ ޓުވީޓުގައި ވިދާޅުވީ، އޮޅުމެއްގެ ތެރެއިންވެސް ކުރެވޭ ނުރަނގަޅު ކަންކަން މަތިޖަހައި ފޮރުވުމަށް ކޮންމެ ފަހަރަކު މުވައްސަސާއެއް ބޭނުން ކުރަމުން ގެންދިއުމަކީ މުޅި ދައުލަތާއިމެދު ރައްޔިތުން ކުރާ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި އެމްޑީޕީއާއި ސަރުކާރާއި ދައުލަތުގެ އިތުބާރު ގެއްލުނަ ނުދިނުމަށް އެދޭ ކަމަށެވެ. ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ޓުވިޓާގައި މިއަދު ވަނީ ރައީސް ނަޝީދުއަށް އަމާޒުކޮށް ބަސްތަކެއް ރައްދުކޮށްފައެވެ. އެގޮތުން  އެމްޑީޕީ މިހިސާބަށް އައީ އިނގިރޭސި ވިލާތުގައިގޮނޑި ދުއްވަން ހުންނެވި މީހެއްގެ އެކަނި މަސައްކަތުން ނޫންކަމަށް ބުނެފައެވެ.

ކަލޯ ހިތުން ޔޫކޭގައި ގޮނޑި ދުއްވަން އިން މީހަކު ކުރި މަސައްކަތް އެކަނި ކަމަށްތަ އެމްޑީޕީ މިއަދު މިހިސާބަށް އައީ. ރައީސް އިބޫ ވާ ކެތްގަދަ. މިކަހަލަ ރު*** ލައިގެން ވިއްޔަ އަދިވެސް އެއިންނަވަނީ. އަލީ ޒާހިރު މިއަދު ލޫކަސް އަށް ޓުވިޓާގައި ދެއްވި ރައްދުގައި ބުނެފައިވެއެވެ.

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ގެ ޓުވިޓާ އެކައުންޓް ހެކް ވެފައިވާ ކަމަށްބުނެ މިހާރުވަނީ ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. އެހެން ނަމަވެސް، އެމްޑީޕީގެ ގިނަ މެމްބަރުންނާއި އިސްސަފުގައި މަސައްކަތްކުރައްވާ ގިނަބަޔަކު ގެންދަވަނީ އެކައުންޓް ހެކް ވެފައިވާ ކަމަށް ބުނަމުންދަނީ އެކަން ފޮރުވުމަށް ދައްކާ ބަހަނާއެއްކަމުގައި ބުނެފައެވެ.