އީދު ދުވަހު ކުލަ ޖެހުމުގެ ތެރޭގައި ހިނގި މާރާމާރީއާ ގުޅިގެން ގދ ދާންދޫގައި މުޒާހަރާ ކޮށްފިއެވެ. މިދިޔަ އަންގާރަ ދުވަހު ކުލަޖެހުމުގެ ތެރެއިން މާރާމާރީއެއް ހިނގާފައިވަނީ އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ނައިބު ރައީސާ މުޒައިނާ މުހުތާރުއާއި އެރަށުގެ ޒުވާނަކާއި ދެމެދުއެވެ. މިހާދިސާ ހިނގި ގޮތް "ހުވަދޫ ނިއުސް" އަށް ކިޔައިދެމުން މުޒައިނާ ބުނީ، މާރާމާރީ ހިންގާފައިވަނީ މާޒިން ގަޔަށް މުޒައިނާ ކުލަ ޖެހުމުން އެކަމާ ހިތްހަމަ ނުޖެހިގެން ކަމަށާއި، ކުލަ ޖަހައި ނިމިގެން މުޒައިނާ ދަނިކޮށް މާޒިން ބިއްލޫރި ތަށްޓެއް މުޒައިނާއާ ދިމާލަށް އެއްލާލައިފައިވާ ކަމަށާއި، އޭގެ ފަހުން އައިސް ބުރަކަށީގައި ގޮށްމުށުން ޖަހާފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މުޒައިނާ އަށް އަނިޔާ ކުރި ކަމަށް ބުނާ ފިރިހެން ކުއްޖާ ފުލުހަށް ގެންގޮސް ސުވާލު ކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ. އަދި މިއަދުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރު ކުރުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބޭ ކަމަށްވެސް މުޒައިނާ ބުންޏެވެ. އެކަމާ ގުޅިގެން މުޒައިނާ އިސްވެ ހުންނަވާ މިއަދުވަނީ އެރަށުގައިވަނީ ހިގާލުމެއް ބާއްވާފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ އަންހެނުންނަށް ކުރާ އަނިޔާ ހުއްޓާލުމަށާއި، މިފަދަ ކަންތައްތަކުގައި ކުށްވެރިވާ ފަރާތްތަކަށް ހައްގު އަދަބު ހޯދައިދިނުމަށް އެދި ގޮވާލައިފައެވެ. މިއަދު ބޭއްވި މުޒާހަރާގެ މައުލޫމާތު ހޯއްދެވުމަށް މުޒައިނާ އަށް "ހުވަދޫ ނިއުސް" އިން ގުޅާލުމުން މުޒައިނާ ބުނީ، އެފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުން އިންޒާރުގެ މެސެޖުތަކެއް ލިބެމުންދާ ކަމަށާއި، މިކަމުގައި އިންސާފު ލިބެން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

އަންހެނުންނަށް ލިބޭ އަނިޔާއާ ދެކޮޅަށް އަޑު އުފުލައި އިންސާފު ހޯދައި ދިނުމަށް އަބަދުވެސް ކުރެވެން ހުރި މަސައްކަތެއް ކުރާނަން. އަޅުގަނޑު މިކަން ހުއްޓާލާނީ އަޅުގަނޑަށް އިންސާފު ލިބިގެން. ކުޅިވަރު ކުޅުމުގެ ތެރޭގައި އަދި އެނޫންވެސް ގޮތަކަށް މިގޮތަށް އަނިޔާ ކުރާ މަންޒަރު ބަލައިގެން މަޑުން ނުތިބޭނަން: މުޒައިނާ

މުޒާހަރާގެ ބައިވެރިޔަކު ހުވަދޫ ނިއުސް އާ ވާހަކަ ދައްކަވަމުން ބުނީ، މިއަދުގެ މުޒާހަރާގެ މައިގަޑު މަގްސަދަކީ އަންހެނުންނަށް ލިބޭ މިކަހަލަ އަނިޔާތަކާ ދެކޮޅަށް އަޑު އުފުލައި އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައި ދިނުމަށް އެދި ކަމާބެހޭ މުވައްސަސާ ތަކަށް ގޮވާލުން ކަމަށެވެ.