ގދ ތިނަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެމީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ.

ތިނަދޫ ފްލެޓް ސަރަހައްދު ތާރަ މަގެއްގައި މީގެ އިރުކޮޅެއް ކުރިން ހިނގި މި އެކްސިޑެންޓްގައި އަނިޔާވީ މާބަނޑު އަންހެނަކާއި ޒުވާން ފިރިހެނަކަށެވެ.

މަންޒަރު ދުށް ފަރާތަކުން ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވި ގޮތުގައި، ބާރު ސްޕީޑްގައި ދުއްވާފައި އައި ސައިކަލެއް މާބަނޑު އަންހެން މީހާ ދުއްވަން އިން ސައިކަލުގައި ޖެހުމުގެ ސަބަބުން މާބަނޑު އަންހެން މީހާ ވިއްސައިގެން ގޮސް ޖެހުނީ ގާތްގަނަޑަކަށް 15 ވަރަކަށް ފޫޓު ދުރުގައި ކަމަށެވެ. އެވަގުތު މާބަނޑު މީހާގެ ސައިކަލުގައި ކުޑަކުއްޖެއް އިން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަދި އަނެއް ސައިކަލު ދުއްވަން އިން ފިރިހެން މީހާވެސް ވަރަށް ދުރަށް ވިއްސައިގެން ދިޔަ ކަމަށާއި، އޭނާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށްވެސް މަންޒަރު ދުށް މީހަކު ބުންޏެވެ.

ދެމީހުންނަށްވެސް މިހާރު ގެންދަނި ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.