ގދ ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރއާއި ގދ ހޯނޑެއްދޫ ކައުންސިލް ގުޅިގެން, ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން އެކުލަވާލުމަށް ހޯނޑެއްދޫގައި ބޭއްވި ފޯރަމް ކާމިޔާބުކަމާއެކީ ނިންމާލައިފިއެވެ.
ހޯނޑެއްދޫ ސްކޫލްގައި 2 ސެޝަނަކަށް ކުރިޔަށްގެންދިޔަ މި ފޯރަމްގައި ޖެންޑަރ އީކުއަލިޓީ ޤާނޫން ތަންފީޒުކުރުމަށް ކުރަންޖެހޭ އަދި ކުރެވިދާނެ ގިނަ ކަންތައްތަކާ ބެހޭ ގޮތުން މައުލޫމާތު ބަދަލުކުރުމުގެ އިތުރުން ފޯރަމްގެ ބައިވެރިންގެ މެދުގައި ގްރޫޕް މަޝްވަރާކަޮށް ތަފާތު ގިނަ ޚިޔާލުތައް ދެވި 2026 އަށް ޙާސިލުކުރަން ޖެހި ލަނޑުދަނޑިތައް ޙާސިލް ކުރުމަށް ރަށު ލެވެލްގައި ކުރެވިދާނެ ކަންކަން ކަނޑައެޅިއެވެ.
އިއްޔެ ހެނދުނު 8 ން ހަވީރު 6 އަށް ކުރިޔަށް ގެންދިޔަ މި ފޯރަމްގައި ބައިވެރިނަށް މައުލޫމާތު ދެއްވީ ޖެންޑަރ މިނިސްޓްރީގެ މުވައްޒަފުންގެ އިތުރުން ޕީޖީ އާއި ބިޒްނަސް ސެންޓަރުގެ އިސް މުވައްޒަފުން އަދި ހުވަދޫ އެއިޑްގެ ފަރާތުންނެވެ.
ހޯނޑެއްދޫ ގެ އިތުރުން މަޑަވެލި އަދި ނަޑެއްލާގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ، ހެލްތް ސެންޓަރ، ޕޮލިސް އަދި ސްކޫލްގެ ފަރާތުން ޖުމްލަ 22 ބައިވެރިން ބައިވެރިވި މިއަދުގެ ފޯރަމްގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ހޯނޑެއްދޫ ސިއްހީ މަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ ހެލްތު ސަރވިސް މުހައްމަދު އަރީޝްއެވެ.
އަދި ބައިވެރިވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލު ކޮށްދެއްވީ ރަސްމިއްޔާތު ޝަރަފުވެރި މެހެމާން އާއި ޖެންޑަރ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަލީ ޝާމް އާއި އިތުރުން ހޯނޑެއްދޫގެ ބައެއް އިސްވެރިންނެވެ.
ކުރިން ސެމިނާރެއްގެ ގޮތުގައި ކުރިޔަށް ގެންދަން ރޭވި ނަމަވެސް ފަހުން ފޯރަމެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ މި ޙަރަކަތަކީ 2022 ން 2026 ހިންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފައިވާ ޖެންޑަރ އީކުއަލިޓީ ޤާނޫން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލު ކުރުމަށް ކުރިއަށް ގެންދިޔަ ފޯރަމެކެވެ.
މިފަދަ އިތުރު ހަރަކާތްތައް ގދ ގެ އެކިއެކި ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ފެމެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުން ދަނީ ތައްޔާރު ވަމުންނެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.