ގދ.އަތޮޅުގެ ހުރިހާ ރަށަކަށް ކަންތައް ކޮށްދޭއިރު ރަތަފަންދޫގެ ޒުވާނުން މަތިން ހަނދާން ނެތުމަކީ ތަފާތުކުރުން ކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބް ރައީސް އަދި ކުރީގެ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް ކުންފުނީގެ ބޯޑުގެ ޗެއަރމަން ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ. ސްޕޯޓްސް މިނިސްޓަރ އަޙުމަދު މަޙުލޫފް އެއަތޮޅުގެ ހުރިހާ ރަށަކަށް ކަންތައް ކޮށްދެއްވާއިރު، ރަތަފަންދޫ ޒުވާނުން މަތިން ހަނދާން ނެތުމަކީ ތަފާތުކުރުން ކަމަށް ވިދާޅުވެ ރަތަފަންދޫ ކައުންސިލް ރައީސް ވިދާޅުވީ، ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފްގެ އަރިހުން އެޕޮއިންޓްމަންޓަކަށް އެދުނުތާ 4 މަސްދުވަސް ވެފައި ވާކަމަށާއި އެެހެންނަމަވެސް މިނިސްޓަރުގެ ޖަވާބެއް މިއަދާ ހަމައަށް ލިބިފައި ނުވާ ކަމަށެވެ.

"ރަތަފަންދޫ ޒުވާނުން ތިބީ މާޔޫސްވެފަ. އަތޮޅުގެ ހުރިހާ ރަށަކަށް ޒުވާނުންގެ ވަޒީރު ކަންތައް ކުރަމުންދާއިރު ރަތަފަންދޫ ޒުވާނުންގެ މަތިން ހަނދާން ނެތުމަކީ ތަފާތުކުރުން. ކައުންސިލް ރައީސް އެޕޮއިންޓްމަންޓަކަށް އެދުނުތާ 4 މަސް. އަދިވެސް ޖަވާބު ނުލިބޭ" ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ، ރަތަފަންދޫގެ ފުޓްބޯޅަ ދަނޑު ހަލާކުވެފައިވާ ކަމަށާއި، އެރަށުގައި ޒުވާނުންގެ މަރުކަޒެއްވެސް ނެތް ކަމަށެވެ. އިތުރަށް ވިދާޅުވީ، މިއީ އެރަށު ޒުވާނުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، މިކަން ޔޫތު މިނިސްޓަރަށް އެތައް ގޮތަކުން ޙިއްސާކޮށްފައިވާނެ ކަމަށެވެ. އެހެން ނަމަވެސް މިކަމަށް އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް ސައުދުﷲ ވިދާޅުވެފައިވެއެވެ. ރަތަފަންދޫގެ ޒުވާނުންގެ ކަންބޮޑުވުމުގެ އިތުރުން އެރަށު ތަރައްގީގެ އެކި މަޝްރޫޢުތައް ކުރިއަށް ނުގެންދާތީ އެކަމުގެ ކަންބޮޑުވުންވެސް ސައުދުﷲ ވަނީ ފާޅުކޮށްފައެވެ.